Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

ޕްރައިމަރީގެ ކެމްޕޭން ނިންމާ ޖަލްސާތައް މިރޭ

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފޯރިގަދަ ކެމްޕޭންތަކަށް ފަހު، ކެމްޕޭން ހަރަކާތްތައް ނިންމައިލާ ޖަލްސާތައް މިރޭ ބާއްވަން ތައްތާރުވެއްޖެ އެވެ.

އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭން ނިންމާ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ އައްޑޫގަ އެވެ. މިރޭ 8:30 ގައި އެ ޖަލްސާ އޮންނާނީ ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ. ޖަލްސާ ރާއްޖެ ޓީވީ އާއި ސަންގު ޓީވީން ލައިވް ވެސް ކުރާނެ އެވެ. މި ޖަލްސާ އަށް މިއަދުގެ ވަގުތެއްގައި ރައީސް އައްޑު އަށް ވަޑައިގަންނަވާނެ އެވެ.

ރައީސްގެ ކެމްޕޭން އައްޑޫން ނިންމައިލާ އިރު މި މަހުގެ 13-15 އަށް އެ މަނިކުފާނު އައްޑު އަޑް ދަތުރެއް ވެސް ކުރެއްވި އެވެ. އެއީ ރަސްމީ ބައެއް ކަންކަމާ ވެސް އެކީ ކެމްޕޭން ހަރަކާތްތަކެއް ވެސް ހިންގެވުމަށެވެ. ރައީސްގެ ކެމްޕޭންގެ ތެރެއިން ވަޑައިގެންނެވި އަތޮޅުތަކުގެ ތެރޭގައި ރ، ނ، ޅ، ބ، ލ، ށ، ހއ. ހދ، އއ، ގދ، ގއ އަދި ކ. އަތޮޅު ހިމެނެ އެވެ.

ޕްރައިމަރީގައި ރައީސާ ވާދަކުރައްވާ ނަޝީދުގެ ކެމްޕޭން ނިންމާ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި މާލޭގެ އާޓިފިޝަލް ބީޗްގަ އެވެ. ނަޝީދު ވެސް ވަނީ ކެމްޕޭނަށް ވަރަށް ގިނަ އަތޮޅުތަކަށް ވަޑައިގެންފަ އެވެ. އެގޮތުން އެންމެ ފަހުން އިއްޔެ އައްޑޫން ވަޑައިގެންނެވީ ފުވައްމުމަލަކަށެވެ.

ދެ ކެންޑިޑޭޓުންގެ ފޯރިގަދަ އަދި އެހާމެ ވާދަވެރި ކެމްޕޭނަކަށް ފަހު، ހޮނިހިރު އެމްޑީޕީގެ މެމްބަރުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވަން ވޯޓްލާން ނުކުންނަ އިރު ރައީސާއި ނަޝީދު ވެސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީ ކާމިޔާބުކުރެއްވޭނެ ކަމަށެވެ. ރައީސްގެ ކެމްޕޭން ސްލޯގަން އަކީ "އެމްޑީޕީ" އަށް ކުރި އެވެ. ނަޝީދުގެ ކެމްޕޭން ސްލޯގަން އަކީ "ފިކުރެއްގެ ދިރުން" އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މެމްބަރުން ވޯޓްލާނެ އެވެ. މި ޕްރައިމަރީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު 9 ގަ އެވެ.