Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރިއޯލޯ އިން ޝަންގްރިއްލާ ރިސޯޓް ގަންނަނީ

ބަންދުކޮށްފައި އޮންނަތާ ތިން އަހަރެއްހާ ދުވަސްވީ އައްޑޫގެ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ގަންނަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ރިއޯލޯ އިން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ކުންފުނިން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ނަމަވެސް ސަރުކާރުގެ އޮފިޝަލުންތަކެއް ވަނީ ރިއޯލޯ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަމަކުގެ މަޝްވަރާތަކެއް މިހާރު ކުރިއަށްދާކަން ކަށަވަރުކޮށް ދީފަ އެވެ. އެގޮތުން ޝަންގްރިއްލާގައި އޮންނަ ސަރުކާރުގެ ހިއްސާ އެ ކުންފުންޏަށް ވިއްކަން ވަނީ ނިންމައިފަ އެވެ. ޝަންގްރިއްލާ ވިލިގިލި ރިސޯޓް ތަރައްގީކުރި ކުންފުނި އައްޑޫ އިންވެސްޓްމަންޓްގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮވެ އެވެ.

ރާއްޖޭގައި މިހާރު ވެސް ރިސޯޓްތަކެއް ހިންގަމުން އަންނަ ރިއޯލޯ އިން ޝަންގްރިއްލާ ގަންނަން މަސައްކަތްކުރާ އިރު، އެ ކުންފުންޏަ މަންޓާ އެއާލައިން އޮޕަރޭޓްކުރާ ކުންފުނި ވެސް މެ އެވެ. ރިއޯލޯގެ ދަށުން ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި އެ ހިންގާ ރިސޯޓްތަކުގެ ތެރޭގައި ދ. ކަނޑިންމަ ރިސޯޓާއި ބ. ނޮޓިލަސް އަދި އދ. ވަކަރުފަޅީގައި ހިންގާ ނޯވާ ރިސޯޓް ހިމެނެ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ވިލިގިލި ރިސޯޓް ބަންދުކުރީ ކޮވިޑާ ދިމާކޮށް 2020 ގެ މެދުތެރޭގަ އެވެ. ދެހާސް އަށެއްގައި ހުޅުވި އެ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ.