Last Updated: April 19, 11:14
Friday, April 19, 2024
ރިޕޯޓް

ފާހާނާ ތަށިން ވަސް ކަނޑުވާލަން ފަސޭހަ ގޮތެއް

ފާހާނާ ތަށިން ނުބައި ދުވަސްވާތީ އެކަމަށް ހައްލެއް ހޯދަނީ ހެއްޔެވެ؟ އެހެން ވިއްޔާ ކޮންމެހެން ބާޒާރުން މާ އަގު ބޮޑުކޮށް ފާޑުފާޑުގެ އެއްޗެހި ގަންނާނެ ކަމެއް ނެތެވެ. މިއޮތީ މިކަމަށް ވަރަށް ހަރަދު ކުޑަ، އަދި އެހާމެ ފަސޭހަ އުކުޅެކެވެ.

ބޭނުން ވަނީ ލުނބޮއަކާއި އާދައިގެ ފޭސް މާސްކެކެވެ. މާސްކަށް މިހާރު އެންމެން ވެސް ވަރަށް ފަރިތާވާނެ އެވެ. ކޮވިޑާ ވިދިގެން އަހަރެމެން އަޅަން ފެށި، މާސްކަކީ މިހާރު ވެސް ބައެއް މީހުން ހަމަ ބޭނުންކުރާ އެއްޗެކެވެ. އެހެންވެ ބޭނުންކުރާ މާސްކް އުކައި ނުލާށެވެ.

ފާހާނާ ތަށިން ނުބައި ވަސް ކަނޑުވަން ބޭނުންވާ އުކުޅަށް، މި މާސްކްގެ ބޭނުން ހިފޭނެ އެވެ.

ފުރަތަމަ ހަދަން ޖެހޭ ގޮތަކީ ލުނބޯ ކުދިކުދި އެތިކޮޅަށް ކޮށާލާނީ އެވެ. ދެން މާސްކްގެ އެއް ފަރާތުން ކަތުރަކުން ކަފައިލާށެވެ. އެއަށް ފަހު އޭގެ ތެރެއަށް ކޮށާލި ލުނބޯކޮޅުތައް އަޅާފައިި، މާސްކުން ބުރިކޮށްލި ބައިގައި އިން ވާފަށުން ބަނދެލާނީ އެވެ. ދެން ފާހާނާ ތަށީގެ ފްލަޝް ޓޭންކް މަތި ނަގާފައި ޓޭންކަށް ފެން އެޅެން ހުރަސް ނޭޅޭ ގޮތަށް ލުނބޯ މާސްކް ޓޭންކް ތެރޭގައި އެލުވައިލާފައި މަތި ލައްޕާލާނީ އެވެ.

ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ނަތީޖާއަކަށް ވާނީ ލުނބޯ މާސްކްގެ ސަބަބުން ޓޭންކް ތެރެއަށް ލުނބޯ ހުތުގެ އަސަރުކޮށް އޭގެ ތެރޭގައި ހުންނަ ޖަރާމީސުތައް މަރުވެ، ފްލަޝްކުރާ ކޮންމެ ފަހަރަކު އަންނަ ފެނާ އެކީ ލުނބޯގެ ހިތްގައިމު ވަސް ވެސް ފެތުރިގެން ދިއުމެވެ. މީގެ ސަބަބުން ފާހާނާތެރޭގެ ވަސް ވެސް ރަނގަޅުކޮށް ދިނުމުގެ އިތުރަށް ތަށީގެ އެތެރެބައިގައި ރަތްވެ، ހަޑިވެފައި ހުންނަ ތަންތަން ވެސް ސާފުވުމަށް ބާރަކަށްވާނެ އެވެ.

ފާހާނާތަށިން ނުބައި ވަސް ކަނޑުވާލަން މި ގޮތް ކިހިނެއް ހެއްޔެވެ؟ ގައިމު ވެސް މިއީ ޖީބަށް ވަރަށް ލުއި ގޮތަކަށް ވާނެ އެވެ. ދެން އޮތީ އަޖުމަ ބަލާލަން ނަމަވެސް މިކަން ތަކުރިބާކޮށްލުމެވެ.