Last Updated: April 26, 10:52
Friday, April 26, 2024
ދުނިޔެ

ޓެލެގްރާމަށް ބްރެޒިލުން ޖޫރިމަނާއެއް

ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގެ ޒުވާން އިދިިކޮޅު މެމްބަރެއްގެ ޓެލެގްރާމް އެކައުންޓް ބްލޮކްކޮށް ދޭން އެދުމުން ޓެލެގްރާމުން އެކަން ކޮށްފައި ނުވާތީ ބްރެޒިލްގެ ސުޕްރީމް ކޯޓުން ޓެލެގްރާމް 20،000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

ސުޕްރީމް ކޯޓުން މި މަހުގެ ކުރީކޮޅު ޓެލެގްރާމަށް އެންގީ ބްރެޒިލްގެ ގާނޫނު ހަދާ މަޖިލީހުގައި މިނާސް ޖެރައިސް ތަމްސީލުކުރައްވާ މެމްބަރު ނިކޮލަސް ފެރޭރާ، 26، ގެ ޓެލެގްރާމް އެކައުންޓް ބްލޮކްކޮށް ދިނުމަށެވެ. އެއީ ސަރުކާރާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ކަމަށް ބުނެ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ އެންގުމަށް ޓެލެގްރާމުން އަމަލު ނުކުރުމުން ޖޫރިމަނާކުރީ އިއްޔެ އެވެ.

މިކަމާ ގުޅިގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރު އެލެގްޒެންޑާ ޑި މޮރެސް އަށް ފޮނުވި ސިޓީއެއްގައި ޓެލެގްރާމުން ބުނެފައި ވަނީ އެކައުންޓް ބްލޮކްނުކުރީ އެ ބްލްކުރަން ނެރުނު އަމުރުގައި އެކަން ކުރަން ޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ދައްކާފައި ނުވާތީ ކަމަށެވެ. އަދި ޓެލެގްރާމުން ފެރޭރާ ބްލޮކްކުރަން ޖެހެނީ ގަވައިދާ ހިލާފު ކޮންކޮން ވާހަކަތަކެއް ހިއްސާކޮށްގެންކަމެއް ވެސް ސާފުކޮށް ދެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ފެރޭރާ ވިދާޅުވި ގޮތުގައި 327،000 އަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބި އޭނަގެ ޓެލެގްރާމް ބްލޮކްކުރަން މަސައްކަތްކުރަނީ އޭނަގެ އަޑު ސޯޝަލް މީޑިއާ އިން ކަނޑުވާލައި، އިންޓަނެޓްގައި "ނިޒާމުން ގެއްލުވައިލުމު" ގެ ނިޔަތުގަ އެވެ. ފެރޭރާ އަކީ އިންސްޓަގްރާމާއި ޓިކްޓޮކް ވެސް ބޭނުންކުރައްވާ މެމްބަރެކެވެ. އިންސްޓަގްރާމްގައި އޭނަގެ ފޮލޯވަރުން ހަ މިލިއަނަށް ވުރެ ގިނަ އެވެ. އަދި ޓިކްޓޮކްގައި 6.3 މިލިއަން ފޮލޯވަރުން އުޅެ އެވެ.