Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހަންކެޑެ މަޝްރޫއަށް ފައިސާ ހަމަޖެހިއްޖެ

އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކުރާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ އައްޑޫގައި ބޭއްވި "އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫގެ ޓުއަރިޒަމް ކުރިއެރުވުމަށް ކުރިއަށް ގެންދަން ރާވާފައިވާ ހަންކެޑެ މަޝްރޫ އަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި އެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެއާއެކު 8،000 އެނދުގެ ވައުދު ފުއްދިގެންދާތަން ލަސްތަކެއް ނުވެ ފެންނާނެ ކަމަށާއި އަދި ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު ވެސް އަންނަ ސެޕްޓެމްބަރަށް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އައްޑޫ މަރަދުއާ ލިންކް ރޯޑުން ގުޅިފައި އޮންނަ ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ތަނެކެވެ. އެގޮތަށް ނިންމީ ޑިސެމްބަރު 2، 2021 ގަ އެވެ.

ހަންކެޑެ ތަރައްގީކުރުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން ދެކެވެމުން އަޔަސް މިހާތަނަށް ހަގީގަތަކަށް ނުވެ އޮތް ކަމެކެވެ. އޭރު ވާހަކަ ދެކެވުނީ ހަންކެޑައިގައި 120 ކޮޓަރީގެ ސިޓީ ހޮޓަލެއް ހެދުމަށެވެ. އެގޮތުން އެކި ފަހަރު މަތިން ބައެއް ކުންފުނިތަކާ އެތަން ހަވާލު ވެސް ކުރި އެވެ.

މިހާރު ހަންކެޑެ ތަރައްގީކުރަން ރާވާފައި އޮތް ޕްލޭނުގެ ދަށުން ހަންކެޑެ ލިންކް ރޯޑުން ވަކިކޮށް، އެ ރަށާ ދެ ފަރާތުން ގުޅިފައި އޮތް މަރަދު އާއި ގައުކެނޑި، ހަންކެޑާ ވަކިކޮށް ހަތަރު ލޭނަކަށް ވާ ގޮތަށް މަގު ފުޅާކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް އިންނެވެ.