Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

އެމްޑީޕީގެ ޕްރައިމަރީ؛ މޮޅު ވާނީ ކާކު؟

މާދަމާ އަކީ ރާއްޖޭގައި ބޮޑު ދުވަހެކެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މާދަމާ އަށް މިއޮތީ ތައްޔާރެވެ. އެހެންވެ މާދަމަ އަކީ ޕާޓީގެ މެމްބަރުންނަށް ވަރަަށް ބިޒީ އަދި އެހާމެ ހާސްކަން ވެސް ބޮޑު ދުވަހަކަށް ވާނެ އެވެ.

މި ޕްރައިމަރީ އަށް މުޅި ރާއްޖޭގެ ސަމާލުކަން އޮތީ ހުއްޓިފަ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީގެ ތެރޭގައި މިހާރު ވަރަށް ވާދަވެރި ދެ ލީޑަރުންގެ ކުރިމަތިލުމަަކަށް ޕްރައިމަރީވުމެވެ. އެއީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ނަޝީދު ޕްރައިމަރީ އަށް ނުކުންނެވީ އެ މަނިކުފާނު ވިދާޅުވާ ގޮތުން އެމްޑީޕީ އޭގެ އަސްލަށް ރުޖޫއަކަށް އެ މަނިކާފާނުގެ "ފިކުރެއްގެ ދިރުމަ" ށެވެ. ރައީސްގެ ސޯލިހުގެ މޮޓޯ އަކީ އެމްޑީޕީ "ކުރިއަށް ގެންދިއުމެ" އެވެ. އެއީ ވަކި މީހަކަށް ނިސްބަތްވާ ޕާޓީއެއް ނޫންކަން ހާމަކޮށް ދެއްވުމަށެވެ.

މި ދެ ބޭޅުންނަކީ ކުޑައިރުން ފެށިގެން ވަރަށް ގާތް ދެ އެކުވެރިންނެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް އެމްޑީޕީގެ ތެރޭގައި މި ބޭފުޅުންގެ ހިޔާލާއި ފިކުރު ވަރަށް އެއްގޮތެވެ. ސިޔާސީ މަސައްކަތްތައް ކުރައްވަމުން ގެންދެވީ އެކު އެކީގަ އެވެ. އެކަމަކު ރައީސްގެ ވެރިކަމުގެ ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ރައީސާއި ސަރުކާރާ ދެކޮޅަށް ނަޝީދު ހުންނެވީ ނުކުމެ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ބޮޑެތި މައްސަލަތައް ޖެހި، އެ ޕާޓީ އޮތީ ދެ ފެކްޝަނަށް ވީދިފަ އެވެ. އެއީ ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަނެވެ. މި ބައިބައިވުންތަކާ އެކީ މި ފަހުން އެމްޑީޕީ މި ފަހުން ނުކުތް އެންމެ ވާދަވެރި ސިޔާސީ ހަރަކާތަކަށްވެގެން ދިޔައީ ޗެއާޕާސަނެއް ހޮވަން މިދިޔަ އަހަރު ބޭއްވި އެތެރޭގެ އިންތިހާބެވެ.

އޭގެ ނަތީޖާ ނުކުތް ގޮތަށް ބަލާ އިރު، ނަޝީދުގެ ފަޅި އަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ. ރައީސް ސޯލިހުގެ ފަޅި ދެއްކީ ކާމިޔާބާއި އެ ފަޅީގެ ވަރުގަދަކަމާއި ދެން ވެސް ވަރުގަދަ ދައްކައިލާނެކަމުގެ ކުލަވަރެވެ. އެހެންވެ މިކަމާ ގުޅުވާފައި ބައެއް މީހުން ލަފާކުރާ ގޮތުން ނަޝީދުގެ ފަޅި އަށް ރިޔާސީ ޕްރައިމަރީގައި ވެސް ޖެހޭނީ ޗެއާޕާސަން ހޮވަން ބޭއްވި އިންތިހާބުގައި ޖެހުނު ހާލެވެ.

އެކަން އެގޮތަށް ހިނގައިދާނެތީ މާދަމާ ޕްރައިމަރީގެ ނަތީޖާ އިން ސާފު ވާނެ އެވެ. ގިނަ ބަޔަކު އިންތިޒާރުކުރަނީ އެ ހިނދުކޮޅަށެވެ. އެ ތާރީހީ ނަތީޖާއަށެވެ.

ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ރޭ ކެމްޕޭން ނިންމައިލަން ބޭއްވި ޖަލްސާގައި ވެސް ސަޕޯޓަރުންނަށް ދެއްވި ޔަގީން ކަމަކީ ޕްރައިމަރީ ކާމިޔާބުވާނެކަމާ މެދު އެއްވެސް ޝައްކެއް ނެތްކަމެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ނަޝީދަކީ ރާއްޖޭގައި ކުރިން ވަރަށް ގިނަ ބަޔަކު ބަލައިގަތް ލީޑަރެއްކަމެވެ. މި ފަހަކާ ޖެހެންދެން އެ މަނިކުފާނަށް މަރުދިން ޕާޓީގެ އެތައް މެމްބަރުން އެބަތިއްބެވެ. އެކަމަކު ވެރިކަން ކުރަން ލިބިވަޑައިގަތް ފުރަތަމަ ދައުރާއި ސިޔާސީ ގޮތުން ނަޝީދު ކުޅުއްވާ "ހަމަނުޖެހޭ" ކުޅިގަނޑާ ހެދި އެ މަނިކުފާނަށް ކުރިން އޮތް އިތުބާރެއް ނެތެވެ. ކުރިން އޮތް ލޯތްބާއި ސަޕޯޓެއް ވެސް ނެތެވެ. ރަށްރަށަށް ނަޝީދު ވަޑައިގަތުމުން މިހާރު ފެންނަ މަންޒަރަކުން ވެސް އެކަން ސާފުވާނެ އެވެ.

ނަމަވެސް މި ހުރިހާ ކަމަކާ އެކީ ވެސް ނަޝީދު ބޭނުންވެވަޑައިގަންނަވަނީ ކޮންމެވެސް ގޮތަކުން ރާއްޖޭގެ ވެރިކަމަށް އަލުން ވަޑައިގެންމެވޭތޯ އެވެ. ނަޝީދު، ރައީސް ސޯލިހާ އެންމެ ބޮޑަށް ހިތްޕުޅާ ނުވެ، އެ މަނިކުފާނާ ދެކޮޅަށް ނުކުންނެވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ވެރިކަމުގެ ގަދަ ބާރަކަށް ވަޑައިގެންނެވޭ ގޮތެއް ނުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު އެންމެ ބޮޑަށް ވަކާލާތުކުރެއްވަމުން ގެންދަވަނީ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ އަށް ފުރޮޅުމެވެ. އަމާޒަކަށްވެފައި އޮތީ އެ މަނިކުފާނު ބޮޑުވަޒީކަށް ވަޑައިގެންނެވުމެވެ.

އެކަމަކު ރައީސް ސޯލިހާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަލިޖިސް މެމްބަރުންނާއި ވަޒީރުންނާއި އާންމު މެމްބަރުން ވެސް ނަޝީދުގެ އެ "ދައުވަތު" އާ ދެކޮޅެވެ. އެހެންވެ "ކަނޑިބަޑި" ހިއްޕަވައިގެން ޕާޓީގެ "މެޖޯރިޓީ" ގެ ވިސްނުމާ ވެސް ދެކޮޅަށް ރިޔާސީ ޓިކެޓް ހޯއްދަވަން ރައީސް ސޯލިހާ ދެކޮޅަށް ނުކުންނެވީ އެވެ. މިކަމާ ގުޅިގެން އިތުރަށް ނަޝީދާ ދިމާއަށް ޕާޓީގެ ތެރެއިން ވެސް އިނގިލި ދިއްކުރެވުނީ "ވެރިކަމާ ހެދި މޮޔަވެގެން" ކުރެއްވި ކަމެއްގަ ގޮތުގަ އެވެ.

ޕާޓީގެ ރައީސަކު ވެރިކަމުގައި ހުންނަވަނިކޮށް، ނަޝީދު ވެރިކަމަށް ފައި ނަންގަވައި ރިޔާސީ ޓިކެޓް ހޯއްދަވަން ނުކުންނެވުން ވަރަށް ގިނަ މެންބަރުން ފާހަގަކުރަނީ "ހަޑި ކަމެއް" ގެ ގޮތުގަ އެވެ. އެކަމަކު ނަޝީދުގެ ބަހުން ނަމަ ރައީސް ސޯލިހާ އެކީ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބެއް ނުކުރެވޭނެ އެވެ. އަދި ވިއްސަކަށް ޕަސެންޓް ލިބުން ވެސް ނާދިރެވެ. އެހެންވެ ހައްލަކީ ނަޝީދު ކަމަށް ކުރައްވާ ދައުވާއިގެން ކުރިއަށް ވަޑައިގަންނަވަނީ އެވެ.

މާދަމާ މިއޮތީ އެ ދައުވާ ވަކި ކޮޅަކަށް ބުރަވެގެން ދާނެ ދުވަހެވެ.

ރައިސް ސޯލިހާއި އެ މަނިކުފާނުގެ ސަޕޯޓަރުން ބުނަނީ ޕްރައިމަރީ ކާމިޔާބުވާނެ ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކޮށް ރައީސް ދެވަނަ ދައުރަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސަށް ކާމިޔާބުވެއްޖެ ނަމަ ނަޝީދަށް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ އެ މަނިކުފާނު ބަލިކުރައްވާނެ ބާވަ އެވެ؟ އެކަން އެގޮތަށް ހިނގައި ނުދާނެކަމުގެ ކުލަވަރުތަކެއް ވެސް އެބަހުއްޓެވެ. އެއީ އިންތިހާބުގައި ވަގު ހަދާނެކަމުގެ ތުހުމަތު ނަޝީދުގެ ފަޅިން ކުރަމުން ދިއުމެވެ.

ނަޝީދު ވިދާޅުވެފައި ވަނީ ޕްރައިމަރީން ބަލިވެވަޑައިގެންފި ނަމަ ދެން އޮންނަވާނީ ގޭގައި ކަމަށެވެ. އެހެންވެ އެންމެ ޝައުގުވެރި ސުލާވަކީ ބަލިވެޑައިގެންފި ނަމަ، ނަޝީދުގެ ބަހުރުވަ އިން އިން ބުނާ ގޮތަށް "ކާމިޔާބީގައި ހިތްތިރިކޮށް، ނާކާމިޔާބީގައި ހިތްވަރުކުރަން" އެ މަނިކުފާނު ސާބިތުވެ ހުންނަވާނެތޯ އެވެ؟ އެ ނަމޫނާ ދެއްކެވޭނެތޯ އެވެ؟