Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

ޓްވިޓާ އެކައުންޓްތައް އިޔާދަކޮށްދޭން އެދެވޭނެ

ޓްވިޓާ އިން އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާ އާ އުސޫލުތަކާ އެކީ ކުރިން އެކި ސަބަބުތަކާ ހެދި ސަސްޕެންޑްކޮށްފައިވާ އެކައުންޓްތައް އިދާޔަކޮށްދޭން އެދެވޭނެ ކަމަށް ބުނެފި އެވެ.

މިކަން އިއްޔެ އިއުލާންކޮށް ޓްވިޓާ އިން ބުނީ އަންނަ މަހުގެ 1 އިން ފެށިގެން އާ އުސޫލަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

އެގޮތުން ކުރިން ގެންގުޅެމުން އައި ހަރުކަށި ބައެއް އުސޫލުތައް ލުއިކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ. ޓްވިޓާ އެކައުންޓްތައް ބްލޮކްކުރުމުގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ހުއްދަ ނޫން މުއާމަލާތްތައް ހިންގުމާއި އެކި ބާވަތުގެ ފުރައްސާރަތަކާއި ހަމަނުޖެހުންތަކަށް ހިތްވަރު ދިނުމާއި ރުޅި އާއި ނަފުރަތު އުފެދޭ ކަހަލަ ވާހަކަތައް ހިއްސާކުމާއި ސައްހަ ނޫން މައުލޫމާތު ހިއްސާކުރު ފަދަ ކަންކަން ހިމެނެ އެވެ.

އެގޮތުން ކުރިން އުސޫލުތަކާ ހިލާފުވެގެން ވަރަށް ގިނަ އެކައުންޓްތައް ބްލޮކްކޮށްފައިވާ އިރު، އޭގެ ތެރޭގައި މަޝްހޫރު ބައެއް މީސްމީހުންގެ އެކައުންޓްތައް ވެސް ހިމެނެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު މަހުޖަނު އީލޮން މަސްކް ޓްވިޓާ ބައްލަވައިގަތް ފަހުން އެންމެ ފުރަތަމަ އިޔާދަކޮށް ދިން މަޝްހޫރު އެކައުންޓަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެކައުންޓެވެ.

ޓްވިޓާ އިން ބުނީ އުސޫލުތަކަށް ނުފެތޭ ގޮތަށް ޓްވިޓާ ބޭނުންކުރާ އަންނަ މަހުން ފެށިގެން އެކައުންޓްތައް ބޭނުން ނުކުރެވޭ ގޮތް ހެދުމުގެ ކުރިން އެފަދަ އެކައުންޓްތަކަށް ބައެއް ލުއި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އޭގެ ތެރޭގައި ޓްވީޓްތަކުގެ ވިއު ލިމިޓްކުރުމާއި މައްސަލަ ހުންނަ ޓްވީޓްތައް ޑިލީޓްކުރަން އެންގުން ހިމެނެ އެވެ.