Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ވޯޓު ފޮށި ފަޅާލި ތިން މީހަކު ހައްޔަރުކޮށްފި

މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ފޮށިތައް ފަޅާލި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުންދިން މައްސަލައަކާ ގުޅިގެން ގދ. ރަތަފަންދޫން ދެ މީހަކު އަދި ގދ. ތިނަދު އިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާއިރު ބައެއް ރަށްރަށުގައި ވަރަށް އޮމާން ކަމާއެކު ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދިޔަ ނަމަވެސް ބައެއް ރަށްތަކުގައި ވޯޓުލުން އަންނަނީ ވަރަށް ހޫނުކޮށެވެ. އެގޮތުން ވޯޓުލާ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލުމާއި، މީހުންގެ ބަދަލުގައި އެހެން މީހުން ވޯޓުލުންފަދަ މައްސަލަތަކެއް އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ގައްދޫގައި "ބޮޑީ ކެމެރާ" ހަރުކޮށްގެން ވޯޓުލީ ކަމަށްބުނެ ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިނގިއިރު ބައެއް ރަށްރަށުގެ ވޯޓު ފޮށިތައް ވަނީ ފަޅާލާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5 ޖެހުމާ ހަމައަށެވެ.

މި އިންތިހާބުގައި 57،257 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. އަދި ޖުމުލަ 243 ވޯޓު ފޮށި މި އިންތިހާބުގައި ބަހައްޓާފައިވެއެވެ.