Last Updated: April 20, 17:12
Saturday, April 20, 2024
ކުޅިވަރު

ބްރައިޓަން އަތުން ބަލިވެ ލިވަޕޫލް ކަޓައިފި

ބްރައިޓަން އަތުން 2-1 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕުން ލިވަޕޫލް ކަޓައިފި އެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ލިވަޕޫލުންނެވެ. އެގޮތުން މުހައްމަދު ސަލާހު ދިން ޕާހަކުން ބްރައިޓަންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލްް މެޗުގެ 30 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހާވީ އެލިއޮޓް އެވެ.

ނަމަވެސް އޭގެ 9 މިނެޓްފަހުން ބްރައިޓަންގެ ލުވިސް ޑަންކް ވަނީ ބްރައިޓަން އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ބްރައިޓަން އިން ދިޔައީ ލިވަޕޫލްގެ ފަހަތަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން މި މެޗުން ބްރައިޓަން މޮޅުވި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ މިޓޯމާ އެވެ. މިޓޯމާ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

އެފްއޭ ކަޕުން ލިވަޕޫލް ކެޓިއިރު އެޓީމަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. ލިވަޕޫލް މީގެކުރިން ވަނީ އިނގިރޭސި ލީގު ކަޕުން ވެސް ކަޓާފަ އެވެ. އެޓީމު މިވަގުތު އޮތީ ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ 9 ވަނައިގަ އެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ބްރައިޓަން ދަތުރުކޮށްފައިވާއިރު އެ ބުރުގައި ބްރައިޓަން ބައްދަލުކުރާނެ ޓީމެއް އެނގޭނީ މާދަމާ ނަގާ ގުރުއަތުލުމުންނެވެ.