Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ބަލި ގަބޫލު ނުކުރުމަކީ ޑިކްޓޭޓަރުންގެ ސިފައެއް

އިންތިހާބެއްގައި ވާދަކޮށް ބަލިވުމުން އެކި ބަހަނާތައް ދައްކައި ބަލި ގަބޫލު ނުކުރުމަކީ ޑިކްޓޭޓަރުންގެ ސިފައެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ފާޑު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް ސޯލިހާ ވާދަކުރައްވައި ރިޔާސީ ޓިކެޓްގެ ފުރުސަތު ގެއްލިވަޑައިގަތުމުން ނަޝީދު ވަނީ ބަލި ގަބޫލުކުރައްވަން ދެކޮޅު ހައްދަވައިފަ އެވެ.

އެކަމާ ގުޅުވައި މަވޯޓާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އިންތިހާބެއްގައި ބަލި ގަބޫލުކުރުމަކީ ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރައްވާ ލީޑަރުންގެ ސިފައެއް ކަމަށެވެ.

"ޑިމޮކްރަސީގެ ހަމަތައް ގަބޫލުކުރައްވާ ސިޔާސީ ލީޑަރުން ބަލި ގަބޫލުކުރައްވާނެ،" އޭނާ ވިދާޅުވި އެވެ. "އަބަދު ވެސް ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކަން ދެއްވާނެ."

އެގޮތުން އެފަދަ މިސާލުތަކެއް ދައްކަވައި މަވޯޓާ ވިދާޅުވީ އެމެރިކާގެ ކުރީގެ ނައިބު ރައީސް އަލްގޯ ކޯޓް އަމުރަށް އިހުތިރާމު ކުރައްވައި 500 ޕޮޕިއުލާ ވޯޓް އިތުރަށް ލިބިފައި އޮއްވައި ވެސް ބަލި ގަބޫލުކުރެއްވި ކަމަށެވެ. އަދި އެމެރިކާގެ ކުރީގެ ރައީސްކަމަށް 2016 ގައި ވާދަކުރެއްވި ހިލަރީ ކްލިންޓަނަށް އޭނައާ އޭރުގެ އިންތިހާބުގައި ވާދަކުރެއްވި ޑޮނަލްޓް ޑްރަމްޕަށް ވުރެ ތިން މިލިއަން ވޯޓް އިތުރަށް ލިބިފައި އޮއްވައި ވެސް ބަލި ގަބޫލުކުރެއްވި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ. ޕްރައިމަރީގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު، ވޯޓްލީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަސެންޓެވެ.