Last Updated: March 29, 02:52
Thursday, March 28, 2024
ދުނިޔެ

މިސްޓަ ބީސްޓްގެ އެހީ ލޯފަން މީހުންނަށް

ލޯފަން މީހުން ލޮލުގެ އޮޕަރޭޝަންތަކަށް މިސްޓަ ބީސްޓްގެ ނަމުން މަޝްހޫރު އެމެރިކާގެ ޔޫޓިއުބާ އެހީވާން ޕްރޮގްރާމެއް ހިންގައިފި އެވެ.

އަސްލު ނަމުން ނަމަ ޖިމީ ޑޮނަލްޑްސަން، 24، ވަނީ ލޯފަން 1،000 މީހެއްގެ ކެޓަރެކްޓް ސާޖަރީ ހަދައި ދީފަ ނިންމައިފަ އެވެ. އެ އެންމެންގެ އޮޕަރޭޝަންތަކަށް ހިނގި ހުރިހާ ހަރަދެއް އޭނަ ހަމަޖައްސައި ދީފައިވެ އެވެ. މިކަން މިސްޓަ ބީސްޓް ވަނީ ޔޫޓިއުބް ވީޑިއޯއެއްގައި ވެސް ހިއްސާކޮށްފަ އެވެ. އޭގައި ވަނީ ސާޖަރީ ހަދައި ލޮލުގެ ފެނުނު ލިބުނު ބައެއްގެ މަންޒަރުތަކެއް ވެސް ހިމަނައިފަ އެެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ވެސް ޒިޔާރަތްކުރި މިސްޓަ ބީސްޓް "ގިފްޓް އޮފް ސައިޓް" ގެ ނަމުގައި އިންސާނިއްޔަތަށްޓަކައި ފެށި އެހީގެ އަގުހުރި ޕްރޮގްރާމްގައި ލޮލުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔައީ ލޮލުގެ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޖެފް ލެވެންސަނާ ގުޅިގެންނެވެ. އޭނަ އަކީ އެ ދާއިރާއިން 20 އަހަރުގެ ތަޖުރިބާހުރި ޑޮކްޓަރެކެވެ.

ޖެފް ވިދާޅުވި ގޮތުގައި 10 ވަރަކަށް މިނިޓްގެ ލޮލުގެ އޮޕަރޭޝަނަކުން ލޯފަން މީހެއްގެ ހަޔާތް އެއްކޮށް ބަދަލުކޮށް ލެވިދާނެ އެވެ. އެހެންވެ އެފަދަ ބައެއްގެ ހަޔާތަށް ދިރުމާއި ކުލަ ގެނެސްދިން މިސްޓަ ބީސްޓްގެ ޕްރޮގްރާމަކީ އެތައް ބައެއްގެ އުންމީދުގެ ހުޅުކޮޅެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޖެފް ވިދާޅުވި ގޮތުގައި މިސްޓަ ބީސްޓްގެ "ގިފްޓް އޮފް ސައިޓް" ޕްރޮގްރާމްގައި ހިއްސާވާން އެދި ދައުވަތު ލިބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

"އޭގެ ކުރިއަކުން އަހަރެން ނުވެސް ދަންނަން ބީސްޓެއް. އަޑު އަހާ ނަމެއް ވެސް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ. "އެކަމަކު ވަރަށް އުފާކުރަން އިންސާނިއްޔަތަށް ފަރުދަކު ފެށި މިފަދަ ޕްރޮގްރާމެއްގެ ހިއްސާއަކަށްވެވުނީތީ."

ތިން ހަފުތާ ދިގު ދެމިގެން ދިޔަ "ގިފްޓް އޮފް ސައިޓް" ޕްރޮގްރާމްގެ އެހީ ލިބުނު މީހުންގެ ތެރޭގައި ޖެމެއިކާ، ހޮންޑިއުރަސް، އިންޑޮނީޝިއާ، ނެމީބިއާ، ކެންޔާ، މެކްސިކޯ ބްރެޒިލް އަދި ވިއެޓްނާމް މީހުން ހިމެނެ އެވެ.

މިސްޓަ ބީސްޓްގެ މިލްކިއްޔާތު 105 މިލިއަން ޑޮލަރަށް އަރަ އެވެ.