Last Updated: April 18, 15:32
Thursday, April 18, 2024
ދުނިޔެ

މިސްކިތަަކަށް ބޮމުގެ ހަމަލާއެއް، 32 މަރު

ޕާކިސްތާންގެ ޕިޝާވަރުގެ މިސްކިތަކަށް މިއަދު ދިން ބޮމުގެ ހަމަލާއެއްގައި މަދުވެގެން 32 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ހަމަލާ ދީފައި ވަނީ ފުލުހުންނަށް އަމާޒުކޮށްގެން ކަމަށް ބެލެވޭ ކަމަށާއި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެސް ފުލުހުން ކަމަށެވެ. ބޮމުގެ ހަމަލާގައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވެއްޓުނު ބައިތަކުގެ ދަށުގައި މީހުން ތާށިވެފައިވެ އެވެ.

ހާދިސާގައި މިހާތަނަށް 150 މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ޒަހަމްވި މީހުންގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް ޕިޝާވަރުގެ ލޭޑިން ރީޑިން ހޮސްޕިޓަލުން ބުންޏެވެ. އެހެންވެ އެތަން މިހާރު ކުއްލި ހާލަތަށް ވެސް ގެނެސްފަ އެވެ.

ޕިޝާވަރު ކެޕިޓަލް ސިޓީ ޕޮލިހުންގެ ވެރިޔާ މުހައްމަދު އިޖާޒް ޚާން ވިދާޅުވީ މިސްކިތަށް ބޮމުގެ ހަމަލާދިން އިރު މިސްކިތް ކައިރީގައި 300-400 އެއްހާ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

މި ހަމަލާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި މި ދަނޑިވަޅުގައި ގައުމު އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ގޮވާލައްވައިފަ އެވެ. މި ހަމަލާދީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ކުށްވެރިކޮށްފައިވެ އެވެ.