Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

ޖަލު އަނިޔާގެ އަޑުއެހުންތައް އަންނަ މަހު ފަހުކޮޅު

އިންތިޤާލީ އިންސާފުގެ އޮފީހުން ޖަލުތަކަށް ކުރި ޒިޔާރާތުގެ ތެރެއިން / ފޮޓޯ: އިންތިޤާލީ އިންސާފުގެ އޮފީސް

ރާއްޖޭގެ ޖަލުތަކުގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ގުޅިގެން އިންތިގާލީ އިންސާފުގެ އޮފީހުން ބާއްވާ އަޑު އެހުންތައް އަންނަ މަހުގެ ފަހުކޮޅު ބާއްވާނެ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.

އެއޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޖަލުތަކުގައި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ހިނގާފައިވާކަމަށާއި ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތައް ކޮށްފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އަޑުއެހުންތައް ބާއްވާނީ 26 ފެބްރުއަރީން މާރިޗު 3 ވަނަ ދުވަހާއި ހަމައަށެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިނގާފައިވާކަމަށް ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ އަޑުއެހުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ބައަކަށް ބަހާލައިގެންނެވެ. މިގޮތުން މި އަޑުއެހުމުގެ ފުރަތަމަ ބައި މާފުށީ ޖަލުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ދެވަނަ އަޑުއެހުން ކުރިއަށްދާނީ މާލޭ ސިޓީގެ އިތުރުން އައްސޭރި ޖަލުގައެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުން ޖަލުތަކަށް ކުރި ޒިޔާރާތުގެ ތެރެއިން / ފޮޓޯ: އިންތިޤާލީ އިންސާފުގެ އޮފީސް

މާފުށީ ޖަލުގައި ކުރިއަށްގެންދާ އަޑުއެހުމުގައި ބަޔާންދިނުމަށް 37 ފަރާތަކުން ނަން ނޯޓުކޮށްފައިވާއިރު، މާލޭގައި ބާއްވާ އަޑުއެހުމުގައި ބަޔާންދިނުމަށް 11 ފަރާތަކުން އަދި އައްސޭރި ޖަލުގައި ބަޔާންދިނުމަށް ދެ ފަރާތަކުން ވަނީ ނަން ނޯޓުކޮށްފައެވެ.

މިއަޑުހުންތައް ބާއްވާނީ އާންމުކޮށް ހުޅުވާލައިގެން ނޫންކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން މައުލޫމާތު ދެއެއެވެ. މި އަޑު އެހުންތަކަކީ ރާއްޖޭގެ ޖަލުތަކުގައި 01 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާއި ހަމައަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކާއި ގުޅޭގޮތުން ބާއްވާ އަޑުއެހުންތަކެކެވެ.