Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

އެންމެ ބޮޑު އަޣުލަބިއްޔަތެއް މީދޫ ދާއިރާ އިން

ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރާއްޖޭގެ ހުރިހާ ސިޓީތަކުގެ އެކި ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑު އަޣުލަބިއްޔަތެއް ލިބުނު ދާއިރާއަކަށް އައްޑޫ މީދޫ ދާއިރާ ވެއްޖެ އެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާ ހިމެނޭ މީދޫ އަދި މަރަދޫގެ ވޯޓު ފޮށިން ރައީސް ސޯލިހަށް ޖުމްލަ ވަނީ 413 ވޯޓު ލިބިފަ އެވެ. މަރަދޫ ފޭދޫ ވޯޓު ފޮށިން ރައީސަށް 154 ވޯޓު ލިބުނުއިރު މީދޫ ވޯޓު ފޮށިން ވަނީ 259 ވޯޓު ލިބިފަ އެވެ.

ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރެއްވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އައްޑޫ މީދޫ ދާއިރާ އިން ޖުމްލަ ލިބިފައިވަނީ 186 ވޯޓެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ވަނީ މާލެ އާއި އައްޑު އަދި ފުވައްމަލު ސިޓީގެ މެޖޯރިޓީ ހޯއްދަވާފަ އެވެ. ނަމަވެސް ކުޅުދުއްފުށި ސިޓީގެ މެޖޯރިޓީ ހޯއްދެވީ ނަޝީދެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓް ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 57،255 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 71 ޕަަސެންޓެވެ.