Last Updated: April 19, 06:56
Friday, April 19, 2024
ދުނިޔެ

މިސްކިތަށް ދިން ހަމަލާގައި 63 މަރު

ޕާކިސްތާންގެ ޕިޝާވަރުގެ މިސްކިތަކަށް މިއަދު ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 63 އަށް އަރާފަ އެވެ. އަދި މި ހަމަލާގައި 150 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި ހަމަލާ ދީފައި ވަނީ ފުލުހުންނަށް އަމާޒުކޮށްގެން ކަމަށް ބެލެވޭ އިރު ހަމަލާދިން ވަގުތު އެ ސަރަހައްދުގައި 400 އާއި ގާތްކުރާ އަދަދަކަށް ފުލުހުން ހަރަކާތްތެރިވަމުންދިޔަ ކަމަށް ފުލުހުން ޕިޝާވަރުގެ ފުލުހުންގެ އިސްވެރިން ހާމަކުރެ އެވެ. ބޮމުގެ ހަމަލާގައި މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވެއްޓުނު ބައިތަކުގެ ދަށުގައި މީހުން ތާށިވެފައިވެ އެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު މިހާތަނަށް އުފުލާފައިވާއިރު މި ހަމަލާގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުގެ ގޮފިން ވަނީ ބުނެފަ އެވެ.

ހަމަލާ އަމާޒުކުރި މިސްކިތް ހުންނަ ސަރަހައްދަކީ ސަލާމަތީ ގޮތުން ވަރުގަދަ ސަރަހައްދެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެ ސަރަހައްދުގައި ފުލުހުންގެ ހެޑްކުއާޓަރާއި އިންޓެލިޖެންސް އަދި ކައުންޓަ ޓެރަރިޒަމާއި ގުޅޭ އޮފީސްތައް ހުންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި މި ދަނޑިވަޅުގައި ގައުމު އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ގޮވާލައްވައިފަ އެވެ. މި ހަމަލާދީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ކުށްވެރިކޮށްފައިވެ އެވެ.