Last Updated: April 23, 16:44
Tuesday, April 23, 2024
މުނިފޫހިފިލުވުން

"ޕަތާން" އަށް ދޭ ލޯތްބަށް ޝުކުރިއްޔާ: ޝާހްރުކް

ސިނަމާތަކުގައި މިހާރު ވަރަށް ބޮޑު ފޯރިއެއް ނަގަމުން އަންނަ ފިލްމު "ޕަތާން" އަށް ބެލުންތެރިން ދޭ ލޯތްބަށް އޭގެ ބަތަލު ޝާހްރުކް ޚާން ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފި އެވެ.

މި މަހުގެ 25 ގައި ރިލީޒްކުރި ފިލްމުގެ ޓީމުން ފުރަތަމަ ފަހަރަށް އިއްޔެ ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ބަތަލާ ދީޕިކާ ޕަދްކޯން އާއި "ޕަތާން" ގެ ވިލަން ޖޯން އަބްރަހަމްގެ އިތުރުން ޑައިރެކްޓަރު ސިދާތު އާނަންދު ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ޝާހްރުކް ބުނީ މި ފިލްމާ އެކީ އެންމެ އުފާވި ކަމަކީ ހިންދީ ފިލްމުތަކަށް އާ ފޯރިއެއް ގެނެސްދެވުމާއި ސިނަމާތަކުގައި ފިލްމު ބަލަން އޯޑިއަންސް ދޭ ފޯރި އާއި ޖޯޝް އަލުން ގެނެވުން ކަމަށެވެ.

"އެހެންވެ އެކަމަށްޓަކައި ވަރަށް އުފާކޮށް އޯޑިއަންސަށް ޝުކުރު އަދާކުރަން." ޝާހްރުކް ބުންޏެވެ.

އޭނަ ބުނި ގޮތުގައި "ޕަތާން" ބެލުންތެރިންނަށް ކަމުދިޔައީ ފިލްމުގެ މުޅި ޓީމުން ކޮށްފައި އޮތް މަސައްކަތް ރަނގަޅުވުމުން ކަމަށެވެ. އަދި އަބަދު ވެސް އޭނަ އަކީ ކުރާ ކޮންމެ މަސައްކަތެއް ވަރަށް ރަނގަޅަށް ކުރަން ބޭނުންވާ މީހެއް ކަމަށާއި ކޮވިޑްގެ ތެރޭގައި "ޕަތާން" އަށް ތައްޔާރުވާން ޖެހުމުން އެކަމަށް ވަރަށް ބޮޑު ހިތްވަރެއްލާން ޖެހުނު ކަމަށް ބުންޏެވެ.

"މި ފިލްމުގެ ކުރިން ރިލީޒްވި އަހަރެންގެ ފިލްމުތައް ވަރަށް ދަށްކޮށް ދިޔައީ. އެހެންވެ ޕަތާންގެ މަސައްކަތް ފެށި އިރު މަސައްކަތްތަކާ ދުރުވެގެން ހުންނަތާ ވެސް ގާތްގަނޑަށް ދޮޅު އަހަރު،" ޝާހްރުކް ބުންޏެވެ. "އެހެންވެ އޭރު ހިތަށް އެރި ދެން ފިލްމު ކުޅެން ހުއްޓާލާފައި ކޮންމެވެސް އެހެން ކަމެއް ކުރަން ވެއްޖޭ."

އަބަދު ވެސް ވަރަށް ސަމާސާ މިޒާޖުގެ ޖަވާބުތައް ދޭ 57 އަހަރުގެ އެކްޓަރު ބުނީ އޭރު ހިތަށް އެރީ "ރެޑް ޗިލީޒް އީޓަރީ" ގެ ނަމުގައި ރެސްޓޯރަންޓެއް ހުޅުވަންވީ ކަމަށެވެ. ޝާހްރުކަކީ ރެޑް ޗިލީޒްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގާ ތަރިއެކެވެ.

"ކޮންމެއަކަސް ޕަތާން އިން އުފާވެރިކަން ގެނެސްދެވިއްޖެ. އަހަންނަށް ބެލުންތެރިން ދޭ ލޯބި ފަނޑުނުވާކަން ވެސް ޔަގީންވެއްޖެ. އެހެންވީމަ ދެން އަނެއްކާ ވެސް ހަމަ ކުރީގެ ފޯރީގައި ފިލްމީ މަސައްކަތް ކުރާނަން." އޭނާ ބުންޏެވެ.

"ޕަތާން" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބާ ގުޅުވައި ދީޕިކާ ބުނީ ފިލްމުގެ މަސައްކަތްކުރި އިރަކު ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދުމުގެ ވިސްނުމެއް ފިލްމުގެ ޓީމުން ނުގެންގުޅޭ ކަމަށެވެ.

"އެކަމަކު އަހަރެމެން އެންމެން މަސައްކަތްކުރީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ފިލްމެއް ހެދޭތޯ. ނަސީބަކުން އެކަން މިއޮތީ ކާމިޔާބުވެފައި. ބެލުންތެރިން ޕަތާން ވަރަށް ބޮޑަށް ބަލައިގެންފި." އޭނާ ބުންޏެވެ. "މިއީ ހަގީގަތުގައި ވަރަށް އުފާވެރި އިހުސާސެއް."

ޖޯން ވެސް ބުނީ އޭނާ ހުރީ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ކަމަށެވެ. އަދި "ޕަތާން" އަބަދު ވެސް ވަރަށް ހާއްސަ އެއްޗަކަށް ވާނެ ކަމަށް ބުންޏެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދިން ފިލްމަށް އިންޑިއާ އާއި އެ ގައުމުން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ ފުރަތަމަ ފަސް ދުވަހުގެ ތެރޭ ވަނީ 542.61 ކްރޯޑް ރުޕީސް (67 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ. މިއީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެވަރުގެ އާމްދަނީއެއް ހޯދި އިންޑިއާގެ ފުރަތަމަ ފިލްމެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕަތާން" އަކީ 225 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.