Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ނަޝީދު މިހާރު ހިންގަވަނީ މައުމޫން ހިންގެވި މަގުން

"ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ގެންގުޅުއްވާ އުކުޅަކީ ކުރިން ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ޑީއާރްޕީ ބައިބައިކޮށް ރޫޅައިލަން "ޒެޑް ޑީއާރްޕީ" ގެ ނަމުގައި ގެންގުޅުނު އުސޫލު ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ފާޑު ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ނަޝީދު އުޅުއްވަނީ މިހާރު އެމްޑީޕީ އެއްކޮށް ބައިބައިކޮށްލައްވަން ކަމަށެވެ.

"ޑިއާރްޕީ ބައިކޮށްލުމަށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭނުންކުރެއްވި ޓެކްޓިކްސް މުހައްމަދު ނަޝީދު ވެސް އެމްޑީޕީ ބައިބައިކޮށް ރޫޅާލުމަށް ބޭނުން ކުރެއްވުމަށް އެ ވިސްނަވަނީ،" މަވޯޓާ ވިދާޅުވި އެވެ. "ފެކްޝަން ދިރުމެއްގެ ފެކްޝަނާ ޒެޑް ޑީއާރްޕީއާ ތަފާތެއް ނެތް."

އޭނަ ވިދާޅުވީ ނަޝީދު މިހާރު ހިންގަވަނީ މައުމޫން ހިންގެވި މަގުން ކަމަށެވެ.

"އެމްޑީޕީ ބައިބައިކޮށްލެއްވުމަށް މަސައްކަތް އެ ފެއްޓެވީ. މިއީ އެމްޑީޕީ ރިސާޔީ އިންތިހާބުން ފެއިލްކޮށްލުމަށް ކުރެވޭ މަސައްކަތަކަށް ނޫނީ ނުވާނެ،" މަވޯޓާ ވިދާޅުވި އެވެ. "ޑީއާރްޕީ ރޫޅާލުމަށްޓަކައި މައުމޫން އެންމެ ފުރަތަމަ ޕާޓީ ތެރެއިން ޒެޑް ޑީއާރްޕީ ކިޔާ ގޮތްޕެއް އުފެއްދެވި. އެއީ ޑީއާރްޕީ ބައިކޮށް ޕީޕީއެމް އުފެއްދެވުމަށް ކޮއްޓެވި މަގު. ކުޑަ ދުވަސްކޮޅެއް ފަހުން ޒެޑް ޑީއާރްޕީ މުޅިން އާ ޕީޕީއެމަށް ބަދަލުވީ. ނަޝީދުގެ ފިކުރެއްގެ ދިރުން މިއާ ތަފާތެއް ނެތް."

ރިޔާސީ ޕްރައިމަރީގައި ބަލިވެވަޑައިގަތުމުން ނަޝީދު މިހާރު މަސައްކަތް ކުރައްވަނީ އެ މަނިކުފާނު ބޭނުން ކުރެއްވި ކެމްޕޭން ސްލޯގަން "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކިވަކި ގޮފިތަކެއް ހަދައިގެން މަސައްކަތްކުރުމަށެވެ. އެކަމަކު އެއީ ޕާޓީގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.