Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ނަޝީދުގެ އުނދަގޫ ކޮކަޑި ކެއި މީދަލަށް ވުރެ ބޮޑުވާނެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބަށް ނުކުންނަވާ އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އުނދަގޫ ކޮކޮޑި ކެއި މީދަލަށް ވުރެ ބޮޑުވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީ ނާކާމިޔާބުވެ، އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ފުރުސަތު ގެއްލިވަޑައިގަތުމުން މިހާރު "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެެމްޑީޕީގެ ތެރޭގައި ވަކި ހަރަކާތެއް އަމިއްލަ މަސްލަހަތަށްޓަކައި ނަޝީދު ހިންގަވަން އިއުލާންކުރައްވާފައިވާތީ އެކަމާ ގުޅުވައި މަޑުއްވަރީ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް މިހާރު އޮތީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށެވެ.

އަދި އެމްޑީޕީގެ ތެރޭގައި އުފެދިފައި އޮތް މި ހާޖާނުގަނޑުގެ ފައިދާކުރާނީ އިދިކޮޅު ކޯލިޝަނަށް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.

"އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއާ އެކީ ރާއްޖޭގެ ޕޮލިޓިކަލް ލޭންޑްސްކޭޕް ބަދަލުވެ އަދި ރިޔާސީ އިންތިހާބު ކާމިޔުބުކުރަން [ދެން] ޕީޕީއެމަށް [މާ] ފަސޭހަ ވާނެ." އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވި އިރު، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެންވެ އެ މަނިކުފާނު ހުންނެވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭ ހާލަތެއްގައެއް ނޫނެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ އިސްވެރިންނާއި ޔާމީންގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ތަކުރާރުކޮށް ވިދާޅުވަނީ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.