Last Updated: April 19, 06:08
Friday, April 19, 2024
ޚަބަރު

އިމްރާން ގޮވާލެއްވީ ނަޝީދު އިސްލާހުވާން

އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާވުމާ ގުޅިގެން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިހާރު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ހަރަކާތްތަކެއް ހިންގަވަން ނިންމުމާ ގުޅިގެން އެ މަނިކުފާން އިސްލާހުވާން ނުސީދާކޮށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ގޮވާލައްވައިފި އެވެ.

ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ނަޝީދަށް އިޝާރާތްކުރައްވައި ވިދާޅުވީ ނަޝީދު އުޅުއްވަނީ އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ކަނޑައެޅިގެން އިސްލާމް ދީނާ ހިލާފު ފިކުރުތައް ރާއްޖޭގައި ދިރުވަން ކަމަށެވެ.

"…އެކަމަށް ދިވެހި ރައްޔިތުން ޖާގަ ނުދޭނެކަން އެނގި، އިސްލާހުވެ ހެޔޮ ގޮތަށް ބަދަލުވާންވީ ވަގުތު އަދިވެސް ނުޖެހެނީތޯ؟" މި އިމްރާން ވިދާޅުވި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ނަޝީދު ބަލިވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. އެންމެ ފުރަތަމަ ބަލި ގަބޫލުކުރައްވަން ދެކޮޅު ހެއްދެވުމަށް ފަހު، އިއްޔެ ނަޝީދު ވަނީ ބަލި ގަބޫލުރައްވައިފަ އެވެ. އޭގެ ފަހުން ވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތްތަކެއް ހިންގަވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އެކަމަށް އެމްޑީޕީގެ އަސާސީ ގަވާއިދު ވެސް ތަން ނުދޭތީ އެފަދަ ހަރަކާތަކެއް ހިންގެވުމާ މެދު ދެވަނަ ވިސްނުމަކަށް ދާން އެދިވަޑައިގެންފަ އެވެ.