Last Updated: April 25, 17:59
Thursday, April 25, 2024
ދުނިޔެ

ރިޔާސީ އިންތިހާބަށް ރަނިލް ނުކުންނަވަނީ

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވާދަކުރައްވާ ގޮތަށް ނިންމައިފި އެވެ.

މިކަން އިއުލާންކޮށް އޭނަގެ ޕާޓީ، ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ސެކްރެޓަރީ ޖެނެރަލް ޕަލިތަ ރަންގެ ބަންޑާރަ ވިދާޅުވީ ރަނިލް އިންތިހާބު ކާމިޔާބު ކުރައްވާނެކަމާ ދޭތެރޭ ވެސްއެއްވެސް ޝައްކެއް ނެތް ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި ކުރިން ލަންކާގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ރަނިލް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ކޯލިޝަން ބައިވެރިންނާ ވެސް އެކީގަ އެވެ. އެގޮތުން މިހާރު ވެސް އެކަމާ ގުޅޭ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރަނިލް މިދިޔަ އަހަރުގެ ޖުލައި 20 ގައި ރައީސް ކަމަށް ކަނޑައެޅީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އެއީ ކުރިން ވެރިކަމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސާ އަށް ކުރިމަތިވެވަޑައިގަތް ފިއްތުންތަކާ ގުޅިގެން އެ މަހުގެ 14 ގައި އިސްތިއުފާ ދެއްވުމުންނެވެ.

ރައީސްކަމަށް އައްޔަންކުރުމުގެ ކުރިން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ރަނިލް ހުންނެވީ ލަންކާގެ ބޮށުވަޒީރަކަށެވެ. އޭނަ ބޮޑުވަޒީރަކަށް އައްޔަންކުރެއްވީ މެއި 12 ގަ އެވެ.

އޭގެ ކުރިން ވެސް ރަނިލް، 73، އަކީ ހަތަރު ދައުރަކަށް ބޮޑުވަޒީރުކަން ކުރެއްވި ލަންކާގެ އެންމެ ނުފޫޒު ގަދަ ސިޔާސީ އެއް ޝަހުސިއްޔަތެވެ.