Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

ވައިއާރްއެފަށް ޑޮކިއުމަންޓަރީ ސީރީޒެއް

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި އަދި ލޯބީގެ އެތައް ފިލްމެއް ގެނެސްދީފައިވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން "ދަ ރޮ،މޭންޓިކްސް" ގެ ނަމުގައި ޑޮކިއުމަންޓަރީ ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 14 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ހަތަރު އެޕިސޯޑްގެ މި ސީރީޒްގެ ޓްރެއިލާ މާދަމާ އާންމުކުރާނެ އެވެ. "ދަ ރޮމޭންޓިކްސް" ޑައިރެކްޓްކުރީ ސުމިރްތީ މުންދުރާ އެވެ. މީގައި ދައްކުވޭނީ ފިލްމު ހަދާތާ 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ކުންފުނިން ހާއްސަކޮށް ލޯބީގެ ފިލްމަތަކަށް ދިން ސަމާލުކަމާއި އެކަމަށް ކުރި މަސައްކަތްތަކާއި ވައިއާރްއެފުން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ލޯބީގެ ފިލްމުތަކާ ގުޅޭ ކަންކަމެވެ.

ވައިއާރްއެފް އަކީ ލޯބީގެ އަސަރު ގަދަ ފިލްމުތައް ހަދައިގެން "ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ޔާޝް ޗޯޕްޅާގެ ކުންފުންޏެކެވެ. ދެހާސް ބާރައިގައި އޭނަ މަރުވި ފަހުން އެ ސްޓޫޑިއޯ ހިންގަނީ ދަރިފުޅު އަދި ކުޅަދާނަ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ އެވެ.

ވައިއާރްއެފުން ގެނެސްދިން އެންމެ ފާހަގަކޮށްލެވޭ ލޯބީގެ ފިލްމުތަކުގެ ތެރޭގައި ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ)، ޑަރް، ޗާންދުނީ، މުހައްމަބަތޭ، ލަމްހޭ، ވީރު-ޒާރާ، ރަބް ނެ ބަނާދީ ޖޯޅީ، ދިލް ތޯ ޕާގަލް ހޭ، ކަބީ ކަބީ، ސިލްސިލާ، ސާތިޔާ، ދާގް، ފަނާ އަދި ޖަބް ތަކް ހެ ޖާން ހިމެނެ އެވެ.

މިހާރު ހުރިހާ ވައްތަރެއްގެ ޖޯންރާގެ ފިލްމުތައް ހަދާ ވައިއާރްއެފްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 25 ގައި ރިލީޒްކުރި "ޕަތާން" އެވެ.