Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

މި ސަރުކާރު ވައްތަރީ މާފިއާއަކާ: އިންތި

މި ސަރުކާރަކީ އިންސާނުން ގަނެ ވިއްކާ ސަރުކާރެއް ކަމަށާއި އެހެންވެ ސަރުކާރު ވައްތަރީ މާފިޔާއަކާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ކާމިޔާބުކުރެއްވީ ވޯޓް ގަނެގެން ކަމަށް އިޝާރާތް ކުރައްވައި، އިންތި ވިދާޅުވީ އާންމުކޮށް ގަނެ ވިއްކައި ހަދަނީ މުދާ ކަމަށެވެ.

"އިންސާނުން ގަނެ ވިއްކާ ހަދާ ސަރުކާރެއް/ޕާޓީއެއްގެ އަމަލު އެންމެ ގާތީ މާފިޔާއާ." އޭނާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ނަޝީދުގެ "ފިކުރެއްގެ ދިރުން" މުހިއްމު އެ ސަބަބާ ހެދި ކަމަށެވެ.

"ކާމިޔާބު އޮތީ ކުރިއަށް" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މިދިޔަ އަހަރު ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތް އިންތި ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން ނަޝީދު މިހާރު އޮތީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ސިޔާސީ ވަކި ހަރަކާތެއް ހިންގަވަން ނިންމަވައިފަ އެވެ. ނަމަވެސް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ އެއީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް ވިދާޅުވެފަ އެވެ.