Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އުމްރާ ގްރޫޕްތަކާ މިނިސްޓަރު ބައްދަލުކޮށްފި

ޢުމްރާ އަށް ރާއްޖޭން މީހުން ގެންދާ ގްރޫޕްތަކާ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ޢުމްރާއަށްދާ މީހުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ދަތިތައް އަދި ދިމާވެފައިވާ ކަންކަމުގެ ތެރެއިން މިނިސްޓްރީއާ ޙިއްސާކޮށްފައިވާ ކަންކަމަށް ބަލައި، އެއީ އެ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް މަސައްކަތްކޮށް ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

އެގޮތުން އުމުރުން ދުވަސްވީ މީހުންނަށް ވީހާ ވެސް ބޮޑަށް އަޅާލުމާއި، ކެއިން ބުއިމާއި ބޭސްފަރުވާގެ ކަންކަމުގައި ވެސް ފަރުވާތެރިވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ޢުމްރާއަށް މީހުން ގެންދާ ފަރާތްތަކުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރެއްވުން ފަދަ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތެވެ.

ބައްދަލުވުމުގައި ޢުމްރާ ގްރޫޕްތަކުން އެ މީހުންނަށް ދިމާވާ އުނދަގޫތަކާއި ކަންބޮޑުވުންތަކާއި،ދަތިތައް މިނިސްޓަރާ ޙިއްސާކޮށްފަ އެވެ.

އެގޮތުން ގްރޫޕްތަކުން ފާހަގަކުރި ކަންކަން ޙައްލުކޮށް ދެއްވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.