ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ވައި ނުސާފުވެ ލޮލަށް ދުރުފެންނަ މިންވަރު ދަށް ވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފައިވެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އާންމުކޮށް އުތުރުން ވައިޖެހުމުންދާއިރު މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ.
އެގޮތުން އާންމު ގޮތެއްގައި 10 ކިލޯމީޓަރަށް ވުރެއް ދުރު ފެނުނު ނަމަވެސް، މިއަދު ހެނދުނު 07:00 އިން ފެށިގެން މެދުރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި މި މިންވަރު އެވްރެޖުކޮށް 4 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފަީހުން ބުނެއެވެ.
ދުރުފެންނަ ނިސްބަތް ދަށްވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވާރޭވެހުން މުހިންމު ދައުރެއް އަދާކުރެއެވެ.
މެޓް އޮފީހުން މައުލޫމާތުދޭ ގޮތުގައި އިރުވފައި މޫސުމުގެ ގޮނަ ދުވަސްތަކެއްގައި އާންމުކޮށް ރާއްޖެސަރަހައްދުގެ ވައިނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވެގެން ދެއެވެ.