Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

އާމްދަނީ 14 މިލިއަން، ޖޫރިމަނާ 30 މިލިއަން!

ފޮޓޯ: އައްޑޫސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް އައިއިރު، ކައުންސިލުގެ އެންމެ ބޮޑު ޝަކުވާއަކީ ކައުންސިލު ހިންގުމަށް ބޭނުންވާ އާމްދަނީ ކައުންސިލަށް ނުލިބުމެވެ. މިގޮތުން އާބާދީ ބޮޑު އަދި ބިންބޮޑު ސިޓީއަކާއި ބަލައި، ކައުންސިލުން ކުރަން ޖެހޭ ގިނަ މަސައްކަތްތައް ކުރުމަށް އެންމެ އެކަށީގެންވާ އާމްދަނީއެއް ކައުންސިލަށް ނުލިބޭއިރު އާމްދަނީ އިތުރުކުރުމަށް މިދައުރުގައި އެކި މަސައްކަތް ކުރެވިފައިވެއެވެ.

ނަމަވެސް އައު އަހަރާއި ދިމާކޮށް ކައުންސިލަށް މިވަނީ އިތުރު ގޮންޖެހުމަކާއި ކުރިމަތިވެފައެވެ. އެއީ ރުއްޖެހެރެ ޕިކްނިކް ސަރަހައްދު އީޕީއޭގެ ހުއްދަ ނެތި ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ތަރައްޤީ ކުރުމާއި ގުޅިގެން 30.8 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ޕިކްނިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރާ ކަމަށް ބުނި ސަރަަހަްދުގައި އައްޑޫގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު.

މިދިޔަ އަހަރު އާމްދަނީއަށް އެންމެ 14 މިލިއަން ރުފިޔާ

އައްޑޫސިޓީ ކައުންސިލުގެ އާމްދަނީ އަށް ބަލާއިރު، ކައުންސިލުން ދޭ ޙިދުމަތްތަކާއި ކުލިއާއި އެހެން ކަންކަން ހިމަނައިގެން ޖުމްލަ އާމްދަނީއެއް ކައުންސިލުން ލަފާ ކުރެއެވެ. އެގޮތުން މިދިޔަ އަހަރަށް ބަލާއިރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ޖުމްލަ 42 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަނދާޒާކޮށްފައިވެއެވެ. ނަމަވެސް އަހަރު ނިމުނުއިރު ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 14 މިލިއަން ރުފިޔާއެވެ.

ކައުންސިލުގެ އާމްދަނީގެ އިތުރުން ދައުލަތުގެ ބްލޮކް ގްރާންޓުންވެސް ބޮޑު އެއްޗެއް ކައުންސިލަށް ލިބެއެވެ. އެގޮތުން މިދިޔަ އަހަރު ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 65.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، އަހަރު ނިމުނުއިރު ފިނޭންސް މިނިސްޓްރީން 6 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 71.6 މިލިއަން ރުފިޔާ ކައުންސިލަށް ވަނީ ދީފައެވެ. ކައުންސިލަށް ލިބޭ އެއްޗެއްގެ ބޮޑު ބައެއް ދަނީ ހިންގުމުގެ ޙަރަދަށެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާ / ފޮޓޯ: އައްޑޫލައިވް

ކައުންސިލުގެ އާމްދަނީގެ ތަފްސީލާއި ޙަރަދުތަކުގެ ތަފްސީ ކައުންސިލުގެ އަހަރީ ރިޕޯޓުގައި ވަނީ ޝާއިއުކުރެވިފައެވެ.

ކައުންސިލަށް ކޮށްފައިވާ ޖޫރިމަނާއާ ގުޅިގެން މިހާތަނަށް ހަނު

އައްޑޫސިޓީ ކައުންސިލަށް މިވަރުގެ ބޮޑު ޖޫރިމަނާއެއް އައިސްފައިވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ މި ޖޫރިމަނާވެސް ދައްކަން ޖެހޭނީ ރައްޔިތުންގެ ފައިސާއިން ކަމަށްވުމެވެ. ދައުލަތުގެ މުޢައްސަސާތަކުން މިގޮތަށް ކުރެވޭ ކަންކަން ޒިންމާދާރުކޮށް ކުރެވޭއިރު އެކަމުގެ ޒިންމާ އުފުލަން މިޖެހެނީ ރައްޔިތުންނެވެ.

މިމައްސަލާއިގައި މިހާތަނަށް އައްޑޫސިޓީ ކައުންސިލުން ރަސްމީ ބަހެއް ބުނެފައި ނުވާއިރު، އައްޑޫލައިވްއިން ތަކުރާރުކޮށް ސުވާލުކޮށްވެސް ރަސްމީ ޖަވާބެއް އަދި ދީފައި ނުވެއެވެ. މި ފައިސާ ކައުންސިލުން ދައްކާނީތޯ ނުވަތަ މައްސަލައައިގެން ދައުލަތުގެ އިދާރަތަކަށް ދާނީތޯ އަދި ގޮތެއް ނިންމާފައި ނެތެވެ.

މިކަމުގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް އައްޑޫލައިވް އަށް ވިދާޅުވީ، އީޕީއޭ ޒިންމާއަކީ ކަން ހިންގާފައިވާ ގޮތް ބަލައި ޖޫރިމަނާ ކުރުން ކަމަށެވެ. އެ ފައިސާ ހޯދުމާއި އެކަމާއި ގުޅޭ ކަންކަން ދައުލަތުގެ ކަމާއި ގުޅޭ އެހެން އިދާރާތަކުން ކުރިއަށް ގެންދާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލުން މިމައްސަލާގައި މިހާތަނަށް އެއްވެސް ވާހަކަ އެއް ނުދައްކާއިރު، ރައްޔިތުންނަށް ވާ ގެއްލުމުގެ ޒިންމާ ނަގަން ޖެހޭ ބައެއްވެސް ތިބޭނެއެވެ.

ހިތެއްގެ ސިފައިގައި ރުއްޖެހެރެ ސަރަހައްދުގައި ޤާވާއިދާ ހިލާފަށް ހަދާފައިވާ ފެންގަނޑު / ފޮޓޯ: އައްޑޫލައިވް

އެންގެން އޮތް ހަގީގަތަކީ މިމަސައްކަތީ އައްޑޫސިޓީ ކައުންސިލާއި، އައްޑޫ ފްރެންޑްސް ޖަމީއްޔާ އަދި ބީޓެކް ކުންފުނި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ކަމެވެ. މިވަރުގެ ކަމެއް އައްޑޫ ރަށެއްގައި ކުރެވޭނީ އައްޑޫސިޓީ ކައުންސިލުގެ އެއްބާރުލުން ލިބިގެންކަން ޔަޤީނެވެ.