Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އޮތް ހަމައެކަނި ޗޮއިސް އަކީ އަޅުގަނޑު: ނާޒިމް

ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސަކީ އޭނާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވުމަށް ނާޒިމް ވަނީ ނިންމަވާފަ އެވެ.

ރޭ އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީން ކުރި ސާވޭ އިން ދައްކާ ގޮތުގައި ރައްޔިތުންނަށް މައިގަނޑު ގޮތެއްގައި ބޭނުން ވަނީ ތިން ކަމެއްކަން ފާހަގަވެފައިވާ ކަމަށާއި އެއީ އިޖުތިމާއީ ރައްކާތެރިކަމާއި، ފުދުންތެރިކަމުގެ އިތުރުން ބޯހިޔާވަހިކަން ކަމަށެވެ.

މި ތިން ކަމަކީ އަސާސީ ކަންކަން ކަމަށްވާއިރު ރައްޔިތުން ތިބީ ވަރަށް ގިނަ ކަންކަމަށް ބޭނުންވެފައި ކަމަށާއި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ތި ރައްޔިތުންނަށް އޮތް ހަމައެކަނި ޗޮއިސަކީ އަޅުގަނޑޭ މިއަދު. އަޅުގަނޑު މިހުރީ ވަރަށް ސާބިތުކަމާއެކީ ނިކުމެ. އިރާދަކުރެއްވިއްޔާ މި ޕާޓީން އަޅުގަނޑު ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނަން." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކޮންމެ އިންތިހާބެއް ކައިރި ވުމާއެކު ވައުދުތައް އޮއްސާލާތަން ފެންނަ ކަމަށާއި ވައުދުތައް ވުމުގައި ހައްދެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އެގޮތުން އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުންނަށްވާ ވައުދުތައް ފުއްދާނެ ކަމަށާއި އަދި ރައްޔިތުންގެ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ނާޒިމް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީން އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އޭގެ ބަދަލުގައި އެމްއެންޕީން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެކަނި ނިކުމެ ކަމަށް އޭނާ ވިދާޅުވި އެވެ.