Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ފިކުރެއްގެ ދިރުމަކީ ޕާޓީ ހަލާކު ކުރަން ކުރާ ކަމެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތުމުން މިހާރު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ހިންގަވާ ހަރަކާތްތަކަތަކީ އެ ޕާޓީ ހަލާކު ކުރަން ކުރައްވަން ކުރާ ކަމެއް ކަމަށާއި ޕާޓީ އޮތް ބޮޑު ނުރައްކަލެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އެ މަސައްކަތުން ވާނެހާ ވެސް ކަމަކީ އެމްޑީޕީގެ ތެރޭގައި ރުޅި އާއި ނަފުރަތު އުފެދުން ކަމަށެވެ.

"ފިކުރެއްގެ ދިރުމުގެ ނަމުގައި އެ ހިންގާ ހަރަކާތަކީ ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ސިޔާސީ ނަފުރަތު [ވެސް] ޕްރޮމޯޓްކުރަން ކުރާ ކަމެއް." މަވޯޓާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި މީގެ ސަބަބުން އެމްޑީޕީގެ މުސްތަގުބަލަށް އޮތީ ވަރަށް ބޮޑު ނުރައްކަލެކެވެ.

"ސިޔާސީ ގޮތުން އުފައްދާ ނަފުރަތާއި ބަދަލުހިފުންތަކުން އިޖުތިމީއޫ ފޭރާން ވީދިގެން ދާނެ. މިއީކީ ނޫން ގައުމު ކުރިއަށް ގެންދަން ވާނެ ގޮތަކީ." މި ފަހުން ވަރަށް ބޮޑަށް ނަޝީދަށް ފާޑު ވިދާޅުވަމުން ގެންދަވާ މަވޯޓާ ވިދާޅުވި އެވެ.

ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ފަށައި، އޭގައި ބައިވެރިވާން ނަޝީދުގެ ސަޕޯޓަރުން ލައްވައި މިހާރު ގެންދަނީ ސޮއިކުރުވަމުންނެވެ. އަދި މި މަސައްކަތް ޕާޓީން އެންގިޔަސް ހުއްޓާނުލައްވާނެ ކަމަށް އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ވިދާޅުވެފައިވެ އެވެ.