Last Updated: April 24, 23:11
Thursday, April 25, 2024
ދުނިޔެ

ޕާކިސްތާނުން ވިކިޕީޑިއާ ބްލޮކްކޮށްފި

އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނާ ބެހޭ ގޮތުން ޝައްކު އުފެދޭ ކަހަލަ ވާހަކަތައް ފަތުރާ ކަމަށް ބުނެ ޕާކިސްތާނުން ވިކިޕީޑިއާ ބްލޮކްކޮށްފި އެވެ.

ޕާކިސްތާންގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ (ޕީޓީއޭ) އިން މި ފިޔަވަޅު އަޅާފައި ވަނީ އިސްލާމް ދީނާ ބެހޭ ގޮތުން ގެނެސްދީފައިވާ ސައްހަ ނޫން މައުލޫމާތުތައް ވިކިޕީޑިއާ އިން ނެގުމަށް 48 ގަޑިއިރުގެ މުހުލަތެއް ވެސް ދިނުމަށް ފަހު، އެ މުހުލަތުގެ ތެރޭގައި އެންގުމާ އެއްގޮތަށް އަމަލު ނުކުރުމުންނެވެ.

ޕީޓީއޭގެ ތަރުޖަމާނު މަހާލަތު އުބައިދު ވިދާޅުވީ ވިކިޕީޑިއާ ބްލޮކްކުރަން މަޖުބޫރުވީ އިސްލާމް ދީނާ ގުޅޭ ގޮތުން ސައްހަ ނޫން ކޮންޓެންޓްތަކުން ގެނެސްދޭކަން ފާހަގަކުރެވި، އެކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް ޕާކިސްތާނުން އަންގަމުން ދިޔަ ނަމަވެސް ވިކިޕީޑިއާ އިން އެކަމަށް އިޖާބު ނުދިނުން ކަމަށެވެ.

"އަހަރެމެން ކަންބޮޑުން ފާޅުކުރީމަ ބައެއް ކޮންޓެންޓްތައް އުނިކޮށް، އިސްލާހު ވެސް ކޮށްފައިިވޭ. އެކަމަކު ވިކިޕީޑިއާ އެއްކޮށް ބްލޮކްކުރަން މަޖުބޫރުވީ އަހެރެމެން އެންގި އެންގުމަށް ފުރިހަމަ އަށް އަމަލުކޮށްފައި ނުވާތީ." އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ވިކިޕީޑިއާ ހިންގާ، ވިކިޕީޑިއާ ފައުންޑޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބުނެފައި ވަނީ ޕާކިސްތާނުން އެޅި ފިޔަވަޅުގެ ސަބަބުން އެ ގައުމުގެ ރައްޔިތުންނަށް މައުލޫމާތު ހޯދައި ލިބިގަތުމަށް ބޮޑު ހުރަހަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އާންމު މިންގަނޑަށް ނުތެފޭ އަދި ބަދުހާލީ ކަންކަމަށް ހިތްވަރުދޭ ފަދަ ކޮންޓެންޓްތަކާ ހެދި މީގެ ކުރިން ޕާކިތާނުން ބައެއް ސޯޝަލް މީޑިއާ އެޕްތައް ވެސް ބްލޮކްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފޭސްބުކާއި ޓިކްޓޮކާއި ޔޫޓިއުބާއި ޓިންޑާ ހިމެނެ އެވެ. އަދި މިފަދަ ފްލެޓްފޯމްތަކަށް ޕާކިސްތާން ބޭނުންވާ އިސްލާހުތައް ގެނެސްދިނުން އަލުން ހުއްދަ ވެސް ދީފައިވެ އެވެ.