Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން: ޝަހީމް

ރައީސް ޔާމީން އާއި އެމަނިކުފާނުގެ ރަނިން މޭޓް ޑރ. ޝަހީމް -

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ހުންނެވި ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ، ސިޔާސީ ވާހަކަތަކެއް ސޯޝަލްމީޑިއާގައި ދައްކަވަމުން އަންނަ ޝެއިޚް އަލީ ޒައިދު ޓްވިޓާގައި ކުރެއްވި ސުވާލަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ޒައިދު ވަނީ ޕީޕީއެމްގެ ޓިކެޓު ލިބެނީ ކޮން ބޭފުޅަކަށްތޯ ސުވާލު ކުރައްވާ، ޝަހީމް ޓެގް ކުރައްވާ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓިން ބުނަމުން އަންނައިރު އެމަނިކުފާނު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކާ ގުޅޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުން އާދެއެވެ.