Last Updated: June 9, 09:41
Tuesday, June 9, 2026
ޚަބަރު

ހެނބަދޫ ފެނުގެ މަސައްކަތް ނިމުމާގާތަށް

ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވަނީ، ނ.ހެނބަދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެގޮތުން، ފެނުގެ ނިޒާމްގައި ހިމެނޭ 4.83 ކިލޯ މީޓަރގެ ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތާއި، ފެން ރައްކައުކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތާއި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތައް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގގެ މަސައްކަތްތަކާއި އަދި ފެން އުފެއްދުމަށްޓަކައި އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން މައުލޫމާތުދެއެވެ.

ނ.ހެނބަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫއަކީ 41.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.