Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

ހިތާދޫ ބޭރުތޮށީގެ މަސައްކަތް ކުރިއަށް

ބ. ހިތާދޫ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ 32 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 14929 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4101 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫއަކީ 19.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.