Last Updated: March 29, 10:16
Friday, March 29, 2024
ޚަބަރު

އުސޫލުގެ މައްސަލައިގައި ސިޓީ ކައުންސިލާ މަޝްވަރާކުރަނީ

ފޮޓޯ: ސްޓެލްކޯ

މާލެސިޓީ ކައުންސިލުން އެކުލަވާލާ އާންމުކުރި އުސޫލެއްގެ މައްސަލަ ބޮޑުވެ އެކަމުގައި ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރާނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ބުނެފިއެވެ.

ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން މަގު ކޮނުން ފަދަ ކަންކަމުގައި ނަގަމުންދާ އަގުތަކަށް ބޮޑު ބަދަލެއް ގެނެސްފައިވާ އުސޫލާ ގުޅިގެން، މިއަދު ސްޓެލްކޯއިން ވަނީ ކަމާބެހޭ ބައެއް ކުންފުނިތަކާއެކު އެލްޖިއޭއާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ކުންފުނިތަކުން ވަނީ ސިޓީ ކައުންސިލުން އެކުލަވާލި އުސޫލުގެ ސަބަބުން ދަތިތަކާ ކުރިމަތިވާނެކަން ހިއްސާ ކޮށްފައެެވެ.

އެކަމާ ގުޅިގުން މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއިއޯ އަފްޝަން ލަތީފު ވިދާޅުވީ، ކައުންސިލްތަކުން އުސޫލެއް އެކުލަވާލާއިރު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަންޖެހޭނެ ކަމަށެވެ. އަދި އުސޫލެއް ހެދުމަށްފަހު އެލްޖީއޭއަށް ހިއްސާކުރުމުން ކަމާބެހޭ ފަރާތްތަކުގެ ލަފައާ މަޝްވަރާ އެލްޖީއޭއިންވެސް ހޯދާކަން ފާހަގަކުރެއްވިއެވެ.

"ސިޓީ ކައުންސިލާއެކީގައި އަޅުގަނޑުމެން މި މަޝްވަރާ ކުރާނަން." އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިވެތިބި ކުންފުނިތަކަކީ ރައްޔިތުންނަށް ހިދުމަތްދޭ ކުންފުނިތަކަށް ވުމުން އެ ކުންފުނިތަކަށް ކުރިމަތިވާ ކޮންމެ އުނދަގުލެއް ރައްޔިތުން ތަހައްމަލު ކުރާނެކަމަށެވެ. މިކަމުގައި ކުންފުނިތަކުން ފާޅުކުރާ ކަންބޮޑުވުމަކީ ގަބޫލުކުރެވޭ ކަންބޮޑުވުންތަކެއް ކަމަށާއި އެކަމަށް ވީހާވެސް އަވަހަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މީގެކުރިންވެސް އެކިކަންކަމުގައި މާލެސިޓީ ކައުންސިލާއެކު އިށީންދެ މަޝްވަރާ ކުރުމުން ހައްލު ލިބިފައިހުރިކަން ފާހަގަކޮށް އަފްޝަން ވިދާޅުވީ، ހުރިހާ ކުންފުނިތަކެއް އެކީގައި ސިޓީ ކައުންސިލާއެކު މަޝްވަރާކުރެވި ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މާލެސިޓީ ކައުންސިލުން އެކުލަވާލި އުސޫލަކީ ބާތިލު އުސޫލެއް ކަމަށް ކަނޑައެޅުމަށް ސްޓެލްކޯއިން ވަނީ ހައިކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.

ސިޓީ ކައުންސިލުންވަނީ ކުރިން 60 ރުފިޔާ ނަގަމުންއައި މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު 200 ރުފިޔާއަށް ބޮޑު ކޮށްފައެވެ. އަދި ރޯޑްބްލޮކް ބަހައްޓާ ބޯޑަށް ކުރިން 150 ރުފިޔާނެގިއިރު އެ އަގު 300 ރުފިޔާއަށް ބޮޑު ކޮށްފައިވެއެވެ. އަދިވެސް މިފަދަ ގިނަ ޝަކުވާތަކެއް ސްޓެލްކޮއާ ކުންފުނިތަކުން ފާހަގަ ކޮށްފައިވެއެވެ.