Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޓްވީޓުގެ ބަދަލުގައި ލިޔުމުން ޖަވާބު ދާރީވާން އެދިއްޖެ

ފޮޓޯ: ސްޓެލްކޯ

މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންކަމުގައި ޓްވީޓް ކުރެއްވުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ދެއްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެދިވަަޑައިގެންފިއެވެ.

މަގުކޮނުމުގެ ކަންކަމުގައި ސިޓީ ކައުންސިލުން އެކުލަވާލި އުސޫލާ ގުޅިގެން މިއަދު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، އުރީދޫ، މީޑިއާނެޓް، އާރްއޯއެލް އަދި އެލްޖީއޭއިން ބައިވެރިވެފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ކުންފުނިތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަގުފަހި ކޮށްދޭން އޮންނަންޖެހޭ ތަނަކީ މާލެސިޓީ ކައުންސިލް ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންނަށް ޖެއްސުންކޮށް ހިދުމަތްދިނުމަށް ހުރަސްއަޅާބަޔަކަށް އެފަދަ ކައުންސިލެއްވެއްޖެނަމަ އެ ކައުންސިލެއް އުފެއްދުމުގެ ބޭނުމާ ހިލާފުވާ ކަމަށެވެ.

ސްޓެލްކޯއާ ސިޓީ ކައުންސިލްގެ އަރާރުމާ ހެދި ރައްޔިތުންނަށް އެކަމުގެ އުނދަގޫ ފޯރައިގެން ނުވާނެ ކަމަށާއި، ސްޓެލްކޯއިން ތިބީ މައްސަލައަށް ހައްލު ހޯދުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލަށް ލިޔުމުން ފޮނުވާ ކަންކަމުގައި ލިޔުމުން ޖަވާބު ދިނުމުގެ ބަދަލުގައި ގިނަފަހަރު ޖަވާބުދެނީ އަނގަބަހުން ކަމަށާއި އެހެންނަމަވެސް ރަސްމީކަންކަން ދާންޖެހޭނީ ރަސްމީކޮށް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަން ވަރަށް އަވަހަށް މިކަމުގައި ހައްލެއް ލިބޭނެކަމަށް. އަޅުގަނޑު ދެކޭގޮތުގައި މޭޔަރު ޓްވީޓަކުން ނުވަތަ ފޯނުކޯލަކުން އަޅުގަނޑުމެން ކައިރީގައި ތިޔަ އުސޫލަކީ މިވެނިކަމަކަށް ހަދާފައި އޮތް އުސޫލެއް ނޫނޭ ބުނުމަކުން އަދި އަޅުގަނޑުމެންނަކަށް ހިތްހަމަޖެހުމެއް ނުލިބޭ." ޝަރީފް ވިދާޅުވިއެވެ.

ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން މަގު ކޮނުން ފަދަ ކަންކަމުގައި ނަގަމުންދާ އަގުތަކަށް ބޮޑު ބަދަލެއް ގެނެސްފައިވާ އުސޫލާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ސީއިއޯ އަފްޝަން ލަތީފު ވިދާޅުވީ އެކަމުގައި ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.

މާލެސިޓީ ކައުންސިލުން އެކުލަވާލި އުސޫލަކީ ބާތިލު އުސޫލެއް ކަމަށް ކަނޑައެޅުމަށް ސްޓެލްކޯއިން ވަނީ ހައިކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ.