Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

ހިޔާ ޓަވަރުތަކުގެ ކެމެރާ ފީޑް ފުލުހުންނަށް ދޫކުރަނީ

ހިޔާ ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފީޑް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން އެކެމެރާތަކުން ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށް ސޮއިކޮށްފައިވާކަމަށް އެކުންފުނިން ބުނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފަ އެވެ. މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ޤާއިމު ކުރުމަށް އެޗް.ޑީ.ސީން ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އާތިފެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.