Last Updated: April 23, 16:11
Tuesday, April 23, 2024
ދުނިޔެ

"ބާޑް" ގެ ނަމުގައި ޗެޓްބޮޓެއް

މުއާމަލާތްތަކަށް ހާއްސަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވެސް ބޭނުންކުރާ ޗެޓްބޮޓެއް "ބާޑް" ގެ ނަމުގައި ލޯންޗްކުރަން ގޫގުލް ތައްޔާރުވާން ފަށައިފި އެވެ.

މީގެ ޓެސްޓިން މަރުހަލާ މިހާރު ސިލެކްޓެޑް ގްރޫޕްތަކެއްގެ މެދުގައި ކުރިއަށްދާ އިރު، ގޫގުލް އިން ބުނީ މާ ލަސްތަކެއް ނުކޮށް "ބާޑް" އާންމުކޮށް ދޫކޮށްލާނެ ކަމަށެވެ. މިއާ އެކީ މިއީ ޗެޓްބޮޓެއްގެ ގޮތުގައި މަޝްހޫރު "ޗެޓްޖީޕީޓީ" އަށް ކުރިމަތިވާ ބޮޑު ވާދަވެރިކަމަށް ވެސް ވާނެ އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޓެކް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ގޫގުލް އިން ބުނީ "ބާޑް" އަކީ އެ ކުންފުނީގެ ލޭންގްއޭޖް މޮޑެލް ފޯ ޑައިލޮގް އެޕްލޭޝަންސް (ލަމްޑާ) ގެ ތެރެއިން ގެނެސްދޭ އެއްޗެއް ކަމަށެވެ. އެގޮތުން އޭއައިގެ އެހީގައި އިިންސާނުންނާ "ދާދި އެއްކަހަލަ ގޮތަކަށް" މުއާމަލާތްކޮށް، ސުވާލުތަކަށް ޖަވާބު ހޯދުމާއި އެ ނޫން ވެސް އެކި މައުލޫމާތުތައް ހޯދަން ވަރަށް ބޮޑު ކުރިއެރުމެއް ލިބި، ފަސޭހަ ވެސް ވާނެ އެވެ.

"ބާޑް" އާ ބެހޭ ގޮތުން ސީއީއޯ ސުންދަރު ޕިޗާއީ ވިދާޅުވި މިއީ "ފުޅާ ދާއިރާއެއްގައި" މުއާމަލާތްތަކެއް ކުރުމަށް ތަނަވަސްކޮށްދެވޭ ވަރަށް އުފެއްދުންތެރި އަދި އެހާމެ ބޭނުންތެރި އެއްޗަށް ވާނެ ކަމަށެވެ.

"މިއީ ލޭންގްއޭޖް މޮޑެލްގެ ތެރެެއަށް އިންޓެލިޖެންސާއި ކްރިއޭޓިވިޓީ ގެނެސްދީ، މައުލޫމާތުތައް ހޯދަން ފަހިކޮށްދެވޭ ވަރަށް ބާރު ގަދަ ވަސީލަތަކަށް ވާނެ." އޭނާ ވިދާޅުވި އެވެ. "އަދި މިކަން ކުރިއަށް ދާނީ ވަރަށް ރޭވުންތެރިކަމާއި ފަރުވާތެރިކަމާއި ޒިންމާދާރުކަމާ އެކީ."

ޕިޗާއީ ވިދާޅުވީ "ބާޑް" އަކީ ސައްހަ މައުލޫމާތު ފޯރުކޮށް ދިނުމާ އެކީ ސައްހަ ނޫން ކޮންޓެންޓްތަކާއި އަދި އެ ނޫން ވެސް ނޭދެވޭ އެތައް ކޮންޓެންޓްތަކުން ރައްކާތެރިކަށް ކަށަވަރުކޮށް ދެވޭނެ ވަސީލަތަކަށް ވާނެ އެވެ.

އެހެންވެ "ބާޑް" ގެ އެންމެ ހާއްސަ ކަމަކަށް ވާނީ ގޫގުލް އިން ސާޗްކޮށްގެން މައުލޫމާތު ހޯދުމަށް ވުރެ، ފަސޭހަ އަދި ރައްކާތެރިކޮށް އަދި ކޮންމެ ފަދަ މައުލޫމާތެއް ވެސް ހޯދަން ލިބޭ ވަރަށް ރަނުގެ ފުރުސަތަކަށެވެ.