Last Updated: April 26, 20:24
Friday, April 26, 2024
ރިޕޯޓް

ގަން އެއާޕޯޓަށް 80: އަދިވެސް ހުދާއި ކަޅުން

ދިވެހި ތާރީޙަށް ބަލާއިރު އައްޑޫ އަތޮޅު އިންގިރޭސިންގެ ބެލުމުގެ ދަށަށް ގޮސްފައިވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅުގައެވެ. އެހައި ހިސާބުން އިންގިރޭސިން އެމީހުން އަމިއްލަ ބޭންތަކަށް އައްޑޫ ބޭނުން ކުރަން ފެށި ކަމަށް ތަރީޙުން ފެނެއެވެ. މިހެން އައިސް ރާއްޖޭގެ ފުރަތަމަ ފަހަރަށް ވަރަށް ގިނަކަންކަން އައްޑޫގައި ކުރެވިގެން ދިޔައެވެ. އެގޮތުން ރާއްޖެއަށް ފުރަތަމަ ފްލައިޓެއް ޖައްސާފައިވަނީ ގަމުގެ ވައިގެ ބަނދަރަށެވެ.

މިވައިގެ ބަނދަރުގެ 80 ވަނަ އަހަރީ ދުވަސް އީއްޔެ ފާހަގަ ކުރިއެވެ. މިހާ ދުވަސްވީ ތަނަކަށް 80 އަހަރު ތެރޭ ހުންނާނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށް ގިނަ ބަޔަކަށް ޤަބޫލު ކުރެވިދާނެއެވެ. ނަމަވެސް ހަޤީގަތަކީ އެއަށް ވުރެ ހިތި އެއްޗަކަށް މިވަނީ ވެފައެވެ. ގަމުގެ 80 ވަނަ އަހަރީ ދުވަސް އެއާޕޯޓު މުއްވައްޒަފުން ފާހަގަ ކުރިއިރު ގަމަށް އަންނާނެ ބަދަލުތަކާއި އަދި ތަރީހަށްވެސް ވަނީ ނަޒަރު ހިންގާލާފައެވެ.

ގަން އެއާޕޯޓަށް 80 އަހަރު ފުރުމުގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އައްޑޫލައިވް

މުސަނދި ތަރީޙެއް، ނަމަވެސް ތަރައްޤީގެ ކުލަވަރު ފަނޑު!

މީގެ 80 އަހަރު ކުރިން 8 ފެބްރުއަރީ 1943 ވަނަ އަހަރު ހެނދުނު 10 ޖެހިއިރު އިންގިރޭސީ ވައިގެ އަސްކަރީއްޔާގެ ބޯޓެއް ގަމުގެ ވެލި ރަންވޭގައި ޖެއްސިއެވެ. މިއީ ރާއްޖޭގެ ރަށެއްގައި ވައިގެ އުޅަނދެއް ޖެއްސި ފުރަތަމަ ފަހަރު ކަމަށްވެއެވެ. މިއާއެކު އިންގިރޭސީންގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ގަން ބޭނުން ކުރުމަށް މަގުފަހިވެގެން ދިޔައެވެ. ގަން އެއާޕޯޓުން އަހަރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީވެސް މިދުވަހެވެ.

ގަމުގައި އެންމެ ފުރަތަމަ 1943 ވަނަ އަހަރު ޖެއްސި ބޯޓު —

ގަމުގެ ވައިގެ ބަނދަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ރޯޔަލް އަސްކަރީއްޔާގެ ބޭނުމަށް 1941 ވަނަ އަހަރު ތައްޔާރުކުރި ތަނެކެވެ. 1956 އިން 1976 ވަނައަހަރުގެ ނިޔަލަށް ރޯޔަލް އެއާފޯސް އިން އަސްކަރީ މަރުކަޒެއްގެ ގޮތުގައި މިތަން އިތުރަށް ތަރައްޤީ ކުރިއެވެ. އަދި 1976 ވަނައަހަރު އިނގިރޭސިން ގަމުން ފޭބީ ދިވެހި ސަރުކާރާ ގަން ހަވާލު ކުރުމަށް ފަހުގަ އެވެ. އޭރު ގަމުގައި އޮތް 2،650 މީޓަރު ދިގު ރަންވޭ އަކީ އެތަނުގައި ހުރި ވަސީލަތްތަކާއެކު އައިކާއޯގެ ކޯޑް 4- ގެ ރަންވޭ އެކެވެ.

ކުރީގެ ސަރުކާރުތަކަށްވެސް ދޭންޖެހޭ އަޅާލުމެއް ނުދެވޭ

ދެން އޭގެ ފަހުން ދައްކަން ހުރީ އެކި ސަރުކާރުތަކުން ގަން ތަރައްޤީ ކުރަން ކުރި މަސައްކަތުގެ ވާހަކައެވެ. އެކަމުގެ ތަފްސީލަކަށް ނުދިޔަ ނަމަވެސް. އެންމެ ރާއްޖޭގެ އެންމެ ފުރަތަމަ އެއާޕޯޓު ޒަމާނާއި އެއްވަރަށް ތަރައްޤީނުވެ، ދޫވެގެން ދިޔައީއެވެ. ވަސީލަތް ހުރި ގަމުގެ ވަސީލަތްތައް ބޭނުންކޮށްގެން އޭރުގެ ވެރިންނަށް ފެނުނު ގޮތަށް އެކަން ކުރި ވާހަކައަކީވެސް އައު ވާހަކައެއް ނޫނެވެ.

އައްޑޫ އެއާޕޯޓް އޮންނަ ގަން މަތިން ފެންނަ ގޮތް.

ތަރީހުން ބަލާނަމަ 1980ގެ ތެރޭ އިތުރު ތަރައްޤީގެ ބައެއް މަސައްކަތްތަކެއް ކުރެވިގެން ދިޔައެވެ. އޭގެ ފަހުން މިހާރު ފެންނަން ހުރި ޓާމިނަލް ބިލްޑިން 2006 ވަނަ އަހަރު އެޅިގެން ދިޔައެވެ. އޭގެ ފަހުން މިދިޔަ ދައުރުގައި ގަމުގެ ރަންވޭ 3400 މީޓަރަށް ބޮޑުކޮށް، 60 މީޓަރަށް ވަނީ ފުޅާކޮށްފައެވެ. މީގެ ސަބުން އެންމެ ބޮޑެތި ބޯޓު ފަހަރަށްވެސް މި ރަންވޭގައި ޖެއްސުމަށް މަގުފަހިވެގެން ދިޔައެވެ.

02 ޑިސެމްބަރ 2018، ސ. ގަން: ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތައް ގަމަށް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު، މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީގެ އެއްް ހިއްސާދާރު ކާސާ ހޯލްޑިންގެ ފަރާތުން ޗަމްޕާ އަފީފު އަދި އައްޑޫގެ މޭޔަރ ބައިވެރިވަޑައިގެންނެވި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

1976 އިން ފެށިގެން މިދޭތެރޭގައި މައިގަނޑު ގޮތެއްގައި ޢުމްރާނީ ގޮތުން ވައިގެ ބަނދަރު ތަރައްޤީއަށް ކުރެވުނު މަސައްކަތަކީ މީއެވެ. ހަޤީޤަތުގައި 80 އަހަރު ފުރޭއިރު އައްޑޫގެ ރައްޔިތެއްގެ ހައިސީއްޔަތުން އަޅުގަނޑު ހިތައް އެރީ އެންމެ ސުވާލެކެވެ. 80 އަހަރުންވެސް ފެންވަރު ރަނގަޅު ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީ ނުވީ ކީއްވެބާއެވެ. ގަން ތަރައްޤީ ކުރުމުގެ މުހިންމުކަން އެއްވެސް ބަޔަކަށް ނުފެނުނީތޯ ނުވަތަ އެކަން ކުރުމުގައި އަހަމީއްޔަތު ކަމެއް ދޭން ފައިސާ ޙަރަދުކުރަން ފަސް ޖެހުނީތޯއެވެ.

މިވާހަކަތައް ކުރު ޙުލާސާއަކުން މިހާކަށް ސިފަކޮށްދެވޭނީ ގަމުގައި މިހާރު ހުރި އޭޓީސީ ޓަވަރުންނެވެ. ތަރައްޤީވެފައިވާ އިންސާފު ކުރުމަށް ކިޔުންތެރިންނަށް ދޫކޮށްލާ ނަމަވެ.

ގަން އެއާޕޯޓުގެ އޭޓީސީ ޓަވަރު އެހާރާއި މިހާރު

ފޮނި ހުވަފެންތަކެއްގައި ކުލަ ޖައްސާނެ ކަމަށް ސަރުކާރުން ބުނޭ

ގައިމުވެސް ގަމަށް ބަލާފައި ބުނަން އެނގޭ އެއް ހަޤީގަތަކީ، ނަމެއް ކިޔަސް ތަން ކުރިއަރަނީ ކޮންމެވެސް ބަޔަކަށް އެތަނުގެ މުހިންމުކަން ފެނި އެކަން ކުރަން ވަރުގަދަ އަޒުމެއް އޮވެގެންނެވެ. ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ އެންމެ ބޮޑު ބިޔަ މަޝްރޫއެއް މިހާތަނަށް އިއުލާން ކުރެވިފައި އޮތީ މި ސަރުކާރަށެވެ.

އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ޙިދުމަތް ދެވޭނެ ފެންވަރަށް ތަރައްޤީ ކުރާއިރު، މިމަސައްކަތް ހާވަލު ކުރަން ނިންމާފައި އޮތީ އިންޑިއާގެ ރެނާޓަސް ކުންފުންޏާއެވެ. އައު އޭޓީސީ ޓަވަރާއި ޓާމިނަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އަދިވެސް ގަމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޗެކިން ކައުންޓަރ 18 އަށް އިތުރުކޮށް، ކެފޭ އަދި ޑިއުޓީ ފްރީތަކާއި އެކު ގަމުގެ މަލަމައްޗަށްވެސް ބަދަލުތަކެއް ގެންނާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިމަންޒަރުތައް ސަރުކާރުން މިވަނީ ކުރެހުމުންވެސް ދައްކާފައެވެ. ދެން އޮތީ ކުރެހުންތައް ހަޤީޤަތަކަށް ހެދުމެވެ. އެންމެ ދުވަސްވީ އެއާޕޯޓު "ހައްޤުވާ" މިންވަރަށް ތަރައްޤީ ކުރުމެވެ.