Last Updated: March 29, 15:09
Wednesday, March 29, 2023
ޚަބަރު

ޝާޔާ އަށް އިސްލާމިކް މިނިސްޓަރުގެ މަރުހަބާ

މިސްރުގެ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގައި ވާދަކޮށް ނުބަލައި ކިޔެވުމުގެ ގޮފިން ދެވަނަ ހޯދި ފާތިމަތު ޝާޔާ ޒާހިރަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މަރުހަބާ ވިދާޅުވެއްޖެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ފަހު ޝާޔާ މާލެ އައީ މިއަދު ހެނދުނު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ޝާޔާއާ ބައްދަލުކުރައްވައި މިނިސްޓަރު ވަނީ ޝާޔާއަށް މަރުޙަބާ ވިދާޅުވެ، އެ ކާމިޔާބީއަކީ ރާއްޖެއަށް ހޯދައިދެވުނު ޝަރަފެއްކަމަށް ވިދާޅުވެފައެވެ. އަދި ޝާޔާގެ މައިންބަފައިން ކުރައްވަމުންދާ ބުރަ މަސައްކަތަކަކީ ވަރަށް އަގުހުރި، ހެޔޮޖަޒާދެއްވާނެ މަސައްކަތްތަކެއްކަމަށް ވިދާޅުވެ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ޝާޔާއާ ބައްދަލުުރައްވައި މުބާރާތުގެ ރަންވަނައެއް ހޯދައިދީ، ރާއްޖެ އަށް ރީތި ނަމެއް ވެސް ހޯދައި ދީފައިވާތީ މިނިސްޓަރު ވަނީ ޝާޔާ އަށް ވަރަށް ބޮޑަށް ހިތްވަރު ވެސް ދެއްވައިފަ އެވެ. އަދި ޤުރުއާން ކިޔެވުމުން ކުރިއަށްދާން ވެސް ނަސޭހަތްތެރިވެވަޑައިގެން، ކުރިއަށް އޮތް ތަނުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވާދަކޮށް ރަންވަނަތައް ހޯދަން މަސައްކަތްކުރުމުށް ހިތްވަރު ދެއްވި އެވެ.

ޝާޔާއާ އިސްލާމިކް މިނިސްޓަރު ބައްދަލުކުރެއްވި އިރު، އޭނަގެ މަންމަ އާއި ބައްޕަ ވެސް ބައިވެރިވި އެވެ.

މިސްރުގެ މުބާރާތުން ޝާޔާ ދެވަނަ ހޯދީ ނުބަލައި ކިޔެވުމުގެ ގޮފިން 99.45 މާކްސް ހޯދައިގެންނެވެ. އެކު އެވެ. އެ ގޮފިން އެއްވަނަ ހޯދީ ގާނާގެ އަބްދުލް ސަމަދު އާދަމް އެވެ. އޭނަގެ މާކްހަކީ އަށް ވަނީ 99.90 އެވެ.

މުބާރާތުން ދެވަނަ ހޯދުމުން ޝާޔާ އަށް އިނާމެއްގެ ގޮތުގައި 150،000 އިޖިޕްޑް ޕައުންޑް ލިބިފައިވެ އެވެ.

މިހާރު 14 އަހަރުގެ ޝާޔާ އަކީ ޤުރްއާން ހިތުދަސްކޮށްގެން ރައީސް ދެއްވާ މެޑަލް ވެސް 2019 ވަނަ އަހަރު ހާސިލުކޮށްފައިވާ ހާފިޒާއެކެވެ. އޭނަ ޤުރުއާން ހިތުދަސްކޮށް ނިންމާލީ އުމުރުން 9 އަހަރުގަ އެވެ.

ޝާޔާ އަކީ 2021 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުގައި މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައި ވެސް ދިވެހި ރާއްޖެ ތަމްސީލުކޮށްފައިވާ ދަރިވަރެކެވެ.