Last Updated: April 19, 06:03
Friday, April 19, 2024
ޚަބަރު

އައްޑޫގައި ދިވެހިބޭހުގެ ކޭމްޕެއް ބާއްވަނީ

އައްޑޫގައި ދިވެހިބޭހުގެ ކޭމްޕެއް ބާއްވަން ނިންމައި އެޕޮއިންޓްމަންޓަށް ހުޅުވާލައިފި އެވެ.

އަންނަ މަހުގެ 1-7 އަށް ހުޅުމީދޫގައި ބާއްވާ މި ކޭމްޕަކީ ސެންޓަ ފޮ ޓްރެޑިޝަނަލް މެޑިސިން (ސީޓީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މެޑިކަލް ކޭމްޕެކެވެ. އެ ކެމްޕޭމްގެ ތެރެއިން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް 3321170 އާއި 9751170 އަށް ގުޅައިގެން މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.

ސިއްހީ އެކިއެކި މައްސަލަތަކަށް ދިވެހިބޭހުން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައި މި ކޭމްޕްގައި ފަރުވާ ދެއްވާނީ ސީޓީއެމްގެ ސީނިއާ ޓްރެޑިޝަނަލް އެންޑް ކޮމްޕްލިމަންޓަރީ ޕްރެކްޓިޝަނާ މުހައްމަދު އަހުމަދެވެ. ކޭމްޕްގެ ތެރޭގައި ފަރުވާތަކުން 10-50 ޕަސެންޓްގެ ޑިސްކައުންޓެއް ވެސް ލިބޭނެ އެވެ.

ސީޓީއެމުން ބުނީ މި ކޭމްޕަކީ އައްޑޫގައި ތިބެގެން ދިވެހިބޭހުގެ ފަރުވާ ހޯދަން ބޭނުންވާ އެ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

ސީޓީއެމަކީ 2013 އިން ފެށިގެން ހިދުމަތް ދެމުން އަންނަ ކްލިނިކެކެވެ. އެގޮތުން 2016 އިން ފެށިގެން އެތަނުން އަންނަނީ ރައްޔިތުންނާ ގާތުން ހިދުމަތް ދޭން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިވެހިބޭހުގެ މެޑިކަލް ކޭމްޕްތައް ބާއްވަމުންނެވެ.

ސީޓީއެމުން ދިވެހިބޭހުގެ ފަރުވާދޭ ބަލިތަކުގެ ތެރޭގައި ރާއްޖެބަލި، ނާރުގެ ބަލިތައް، ރުއްގަލުބޭސް (ކަށީގެ ބަލިތައް)، ގޭހުގެ މައްސަލަތައް، ފުރަގަސްފަރާތު ބަލިތައް، ނޭވާލާ ނިޒާމުގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، އަންހެނުންގެ ހާއްސަ ބަލިތައް، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ހަމުގެ ބަލިތައް އަދި ކުޑަކުދިންގެ ބަލިތައް ފަދަ ބަލިތައް ހިމެނެ އެވެ.