Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ސްކޮލަޝިޕް ދަރިވަރަކަށް ރައީސްގެ ހިތްވަރު

ދެހާސް އެކާވީހުގައިޝަހާދާ ސާނަވިއްޔާ ނިންމައި، ރައީސްގެ ސްކޮލަޝިޕް ޙާޞިލްކުރި ދަރިވަރު ގދ. ތިނަދޫ، މާކޮޅު ފާޠިމަތު ހުޔާމް ޚަލީލާ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

ހުޔާމަށް ރައީސް ހިތްވަރު ދެއްވީ، ސްކޮލަޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު އޭނަ އަށް ދެއްވުމަށް ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގަ އެވެ.

މީގެ އިތުރުން ހުޔާމްގެ މި ކާމިޔާބީއާ ގުޅިގެން އޭނާގެ އާއިލާއަށާއި، ސްކޫލް، އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އަށް ރައީސް މަރުޙަބާ އާއި ތަޙުނިޔާ ވިދާޅުވި އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޔުނިވަސިޓީ ތަޢުލީމުގެ މަރުޙަލާގައި ވެސް މޮޅު ކާމިޔާބީއެއް ހޯދައި، ދިވެހި ޤައުމުގެ ތަރައްޤީއަށާއި ކުރިއެރުމަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ހުޔާމް ވަނީ، ޝަހާދާ ސާނަވިއްޔާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން، 13 މާއްދާއިން އޭ ސްޓާރ ހޯދައިފަ އެވެ. އާކިޓެކްޗާގެ ދާއިރާއިން ކުރިއަށް ދާން ނިންނައި ހުޔާމް، މަތީ ތަޢުލީމް ޙާޞިލު ކުރުމަށް ނިންމާފައި ވަނީ، މެލޭޝިޔާގެ އިންފްރާސްޓްރަކްޗަ ޔުނިވަސިޓީ ކުއާލާލަމްޕޫރުންނެވެ.

އެތަނުގައި އޭނާ ކިޔަވާނީ"ބެޗްލާ އޮފް ސައިންސް އިން އާކިޓެކްޗަރ ސްޓަރޑީޒްވެ.