Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ޓާޝަރީ ހޮސްޕިޓަލުތަކުން ކެންސަރަށް ފަރުވާ ދެވޭ ގޮތް ހަދަނީ

ޓާޝަރީ ހޮސްޕިޓަލުތަކުން ކެންސަރަށް ފަރުވާ ދެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ނަސީމު ވިދާޅުވީ ކެންސަރު ބަލި މީހުންގެ ފުރިހަމަ ރެކޯޑެއް ޤާއިމުކޮށް އެބަލީގައި ފަރުވާ ހޯދާ ފަރާތްތަކަށް ދުވަހުން ދުވަހަށް ދޭންޖެހޭ ފަރުވާ އާއި އެހެނިހެން ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިހާރު ޤާއިމު ކުރެވިފައިވާ ނެޝަނަލް ކެންސަރ ރެޖިސްޓްރީ ފުރިހަމަ ކޮށް، އަދި ކެންސަރަށް ސްކްރީން ކުރުމާއި ފަރުވާދިނުން، މިހާރު ތަރައްޤީ ކުރެވެމުންދާ ޓާރޝިއަރީ ހަސްފަތާލުތަކަށް އިތުރުކުރެވޭ ސްޕެޝިއަލިޓީ ޚިދުމަތްތަކާއެކު އިތުރަށް ތަރައްޤީ ކުރެވިގެންދާނެ." ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގައި ކެންސަރުގެ ބައެއް ވައްތަރުތަކަށް ސްކްރީން ކުރެވެން ހުރި ނަމަވެސް، ބަލިބަލި ޖެހުމުގެ ފުރުޞަތު އޮތް މިންވަރާއި ބަލި ޖެހިފައިވާކަން ދުރާލާ ދެނެގަތުމަށް ދެނެގަތުމަށް ކުރެވޭ ޓެސްޓްތައް ހުރި ނަމަވެސް، ޤަވައިދުން މިފަދަ ޓެސްޓްތައް ހެދުމުގެ އާދަ މާބޮޑަށް ދިވެހިންގެ ތެރޭގައި ނެތް ކަމަށް ނަސީމު ވިދާޅުވި އެވެ.

އެގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް މީހުން އަހުލުވެރިކޮށް، ބަލިވުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް، ރައްޔިތުން އެކި އުމުރުފުރާގައި، އަދި ވަކިން ޚާއްޞަކޮށް ތަޢުލީމީ ނިޒާމުގެ ތެރެއިން ހޭލުންތެރިކަން އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ކެންސަރު ބަލީގެ ރާއްޖޭގެ ޙާލަތު ދެނެގަތުމަށް ކުރަން ހަމަޖެހިފައިވާ ދިރާސާގެ މަސައްކަތް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއި ލަފާގެ މަތިން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށް ނަސީމް ވިދާޅުވި އެވެ.

އަދި، ރަށާއި އަތޮޅުފެންވަރުގެ ޞިއްހީ ޚިދުމަތްދޭ ތަންތަނުގައި ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން، ކެންސަރުބައްޔާއި އަދި އެހެނިހެން ބަލިތައް ދުރާލާ ދެނެގަތުމަށް ބޭނުންވާ އަސާސީ ތަމްރީންތައް ޞިއްޙީ ޚިދުމަތްތެރިނަށް ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.