Last Updated: May 8, 02:23
Wednesday, May 8, 2024
ދުނިޔެ

ޔޫޓިއުބްގެ ސީއީއޯގެ މަގާމަށް އިންޑިއާގެ ނުފޫޒު

މިހާރު ވެސް ދުނިޔޭގެ މަޝްހޫރު ބައެއް ޓެކް ކުންފުނިތަކުގެ އެންމެ އިސް މަގާމުތައް އިންޑިއާ އަށް ނިސްބަތްވާ މީހުން ފުރަމުން އަންނަ އިރު، ޔޫޓިއުބްގެ ސީއީއޯގެ މަގާމަށް ވެސް އިންޑިއާ ދަރިކޮޅުގެ މީހަކު ހަމަޖައްސައިފި އެވެ.

ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރޭގައި އެންމެ ނުފޫޒު ގަދަ އެއް ޕްލެޓްފޯމް ކަމަށްވާ ޔޫޓިއުބްގެ އާ ސީއީއޯއަކަށް ހަމަޖެއްސީ އެ ކުންފުނީގެ ޗީފް ޕްރޮޑަކްޓް އޮފިސަރުގެ މަގާމުގައި ހުންނެވި އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ވިޔަފާވެރިޔާ ނީލް މޯހަން އެވެ. ގޫގުލްގެ ދަށުން ހިންގަމުން އަންނަ ޔޫޓިއުބްގެ އެންމެ އިސް މަގާމު އޭނަ އަށް ލިބިވަޑައިގެންނެވި އިރު، ނީލް ގޫގުލްއާ ގުޅިވަޑައިތީ 2007 ގަ އެވެ. ކުރިން މައިކްރޮސޮފްޓްގައި ވެސް މަސައްކަތްކުރެއްވި ނީލް އަކީ ސްޓޭންފޯޑް ޔުނިވަސިޓީން އިލެކްޓްރިކަލް އިންޖިނިއަރިން އިން ބެޗްލާސް ޑިގްރީ އާއި އެތަނުން އެމްބީއޭ ވެސް ހާސިލުކުރައްވާފައި މީހެކެވެ.

ނީލް، 47، އަށް ޔޫޓިއުބްގެ ސީއީއޯގެ މަގާމު ލިބިވަޑައިގަތީ އެ މަގާމުގައި 2014 އިން ފެށިގެން ހުންނެވި ސޫޒަން ވޮސިކީ، 54، އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނަ އިސްތިއުފާ ދެއްވީ އާއިލާ އަށް ވަގުތު ދިނުމާއި ސިއްހަތަށް މި ދަނޑިވަޅުގައި ވަރަށް ބޮޑަށް ފޯކަސްކުރަން ޖެހިފައިވާތީ އެކަމަށް ވަގުތު ހޯއްދެވުމުގެ ގޮތުންނެވެ.

މަޝްހޫރު ޓެކް ކުންފުނިތަކުގެ ތެރެއިން ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އާއި މައިކްރޮސޮފްޓްގެ ސީއީއޯ ސަތިއަ ނަޑެލާ އާއި އެޑޯބީގެ ސީއީއޯ ޝަންތަނޫ ނާރަޔަން އަދި އައިބީއެމްގެ ސީއީއޯ އަރުވިންދު ކްރިޝްނާ ފަދަ މީސްމީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ މީހުންނެވެ.

މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތުމުގެ ކުރިން އޭގެ ސީއީއޯއަކަށް ވެސް ހުންނެވީ އިންޑިއާ ދަރިކޮޅު ޕަރާގް އަގަރްވާލެވެ.