Last Updated: April 27, 09:26
Saturday, April 27, 2024
ދުނިޔެ

އަހަރު ނިމުމުގެ ކުރިން ޓްވިޓާ އަށް އާ ސީއީއޯއެއް

މި އަހަރު ނިމުމުގެ ކުރިން ޓްވިޓާ އާ ސީއީއޯކު ހަމަޖައްސާނެ ކަމަށާއި އެކަމަކު އޭގެ ކުރިން ޓްވިޓާ އެއްކޮށް ހަމައަކަށް އަޅުވަން މަސައްކަތްކުރަން ޖެހޭ ކަމަށް އޭގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުއްޖެ އެވެ.

އޭނަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ. އީލޮން ވަނީ އޭނަ ޓްވިޓާގެ ސީއީއޯގެ މަގާމުގައި ހުންނެވުމާ މެދު އާންމުންގެ ހިޔާލު ހޯއްދެވުމަށް ފަހު، އަޢުލަބިއްޔަތު ނޫނެކޭ ބުނުމުން މަގާމު ދޫކޮށްލައްވަން ވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމަވައިފައިފަ އެވެ.

އޭނަ ޓްވިޓާ ބައްލަވައިގަތް އިރު، ސީއީއޯގެ މަގާމުގައި ހުންނެވީ އިންޑިއާ ދަރިކޮޅު ޕަރާގް އަގަރްވާލެވެ.

ދުބާއީގައި މި މަހުގެ 13-15 އަށް ވޯލްޑް ވަރަމަންޓް ސަމިޓްގައި ވާޗްއަލްކޮށް ބައިވެރިވަޑައިގެން ވާހަކަ ދައްކަވަމުން އީލޮން ވިދާޅުވީ އަހަރު ނިމުމުގެ ކުރިން ޓްވިޓާ އަށް އާ ސީއީއޯއަކު ހަމަޖައްސަވާނެ ކަމަށެވެ. އެކަމަކު އޭގެ ކުރިން ކުންފުނި އެއްކޮށް ހަމައަކަށް އަޅުވައި، މާލީ ގޮތުން ހުރި ތާށިތައް ވެސް ހައްލުކުރައްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަހަރެން ގަބޫލުކުރަނީ އަހަރުގެ ފަހުކޮޅާ ހަމައަށް ދާ އިރު، ޓްވިޓާ އޮންނާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ރަނގަޅު ހާލަތަކަށް އައިސްފައި ކަމަށް،" އީލޮން ވިދާޅުވި އެވެ. "އެހެންވީމަ އެހާތަނަށް ކުންފުނި ހިންގާނެ އާ ވެރިޔަކު މުހިއްމު ވާނެ."

ޓްވިޓާގެ ސީއީއޯގެ މަގާމު ދޫކޮށްލެއްވުމަށް އީލޮން މަސައްކަތްކުރަނީ އޭގެ ސޮފްޓްވެއާ އަދި ސާވާ ޓީމްގެ އިސްވެރިއެއްގެ ގޮތުގަ އެވެ.