Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

މީދޫ؛ ސާފުތާހިރުކަމުގައި އައްޑޫގެ ނަމޫނާއެއް

އައްޑޫގެ ބައެއް އަވަށްތައް ގޮނޑުކަމުގެ ވާހަކަ އެކިއެކި ފޯރަމްތަކުގައި ދެކެވޭ ވާހަކައެކެވެ. ޖެހޭހާ ތަނަކަށް ކުނި އެޅުމުގެ އާދަ އާއި އަވަށްތަކުގެ މަގުތަކާއި އާންމު އެހެނިގެން ތަންތަން ވެސް އެކަށީގެންވާ ވަރަށް ސާފު ނުކުރެވޭ މަންޒަރު އައްޑޫން ފެނެ އެވެ.

އެކަމަކު މީދު އަކީ ސާފު ތާހިރުކަމުގައި މިހާރު ނަމޫނާ ދައްކަމުން އަންނަ އަވަށެކެވެ. މީދޫގެ އަވަށު އޮފީހުގެ ފޭސްބުކް ޕޭޖް ހާވާލި ނަމަވެސް ރަށުތެރެ ސާފުކުރަން ކުރަމުން އަންނަ މަސައްކަތްތަކާއި ރަށްފެހިކަން ކުރާ މަސައްކަތްތައް ވެސް ވަރަށް ބޮޑަށް ފެންނާނެ އެވެ.

ރަށުތެރޭގެ ސާފުތާހިރުކަމުގެ މުގުލުގައި އޮތީ ހައެއްކަ މުވައްޒަފުން ތިބި މީދޫ އަވަށުގެ މުނިސިޕަލް މުވައްޒަފުންނެވެ.

ފިރާސި ހީވާގީ ޓީމެކެވެ. ތައުރީފު ހައްގު މަސައްކަތެކެވެ. މީދޫ އަކީ މުޅި އައްޑު އަށް ބަލައިފި ނަމަ މިހާރު ސާފުތާހިރުކަމުގެ ގޮތުން ނަމޫނާ އަވަށެކެވެ. މުޅި އަވަށުތެރެ ވެސް ފެންނަނީ ވަރަށް ޒީނަތްތެރިކޮށެވެ. ބަޔަކު އަޅާލާ، ދިރުން އޮތް ހިތްފަސޭހަ އަވަށެއްގެ ގޮތުގައީ މީދޫ ފެނުމަކީ އެ އަވަށު ކައުންސިލަރު އައިމިނަތު ސާލިހާ ވެސް އެންމެ އުފާވާ، އެންމެ ހިތްހަޖަމަޖެހިވަޑައިގަންނަވާ ކަންތަކެވެ.

"ވަރަށް މަދު މުވައްޒަފުންކޮޅެއް ކުރަމުން އަންނަ ބުރަ މަސައްކަތް މިއީ." އޭނާ ވިދާޅުވި އެވެ.

ސާލިހާ ވިދާޅުވީ ގޮތުގައި މީދޫގައި އެކަށީގެންވާ ވަރަށް މުނިސިޕް މުވައްޒަފުން ނެތެވެ. އެކަމަކު އެ ދަތިކަމާ އެކީ ވެސް މީދޫން ފެންނަނީ ބަހާނާ ނުދެއްކުމުގެ ނަތީޖާ އެވެ.

"މި އަވަށް ސާފުކުރުމުގެ މަސައްކަތަކީ ވަކި ތާވަލެއްގެ ދަށުން ވަރަށް ރަނގަޅަށް ކުރަމުން އަންނަ މަސައްކަތެއް. ކޮންމެ ދުވަހަކީ ވެސް ރަށުގެ ކޮންމެވެސް ދިމާލެއްގެ ސާފުކުރުން ކުރިއަށް ގެންދެވޭ ދުވަހެއް. އެެހެންވީމަ އަބަދު ވެސް މުޅި ވަރަށް ސާފުކޮށް ބޭއްވުމަކީ ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް." އޭނާ ވިދާޅުވި އެވެ.

ސާލިހާ ވަނީ މުނިސިޕަލް މުވައްޒަފުން ކުރާ މަސައްކަތަށް ތައުރީފު ކުރައްވައި، ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

"ކުޑަ ޓީމެއްގެ މިންނެތް ބުރަ މަސައްކަތް މިއީ. މިއީ ހަގީގަތުގައި ވެސް ތައުރީފު، އަގުވަޒަން ކުރުން ހައްގު މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ. "މި އަވަށު މުނިސިޕަލް މުވައްޒަފުންނަކީ ލިބޭ އުޖޫރައަކަށް ވުރެ ބޮޑަށް ރަށުގެ ޒިނަތްތެރިކަން ދަމަހައްޓަން ލޯބިކޮށް މަސައްކަތްކުރާ ބައެއް. އެހެންވީމަ އަވަށުގެ އެންމެން ވެސް އެކަން ބަލައިގަނޭ. އެހެންވީމަ އެ ސާފު ތާހިރުކަން ދަމަހައްޓަން ވެސް އަވަށުގެ ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭ."

ސާލިހާ ވިދާޅުވީ މުވައްޒަފުންގެ ދަތިކަން ނެތް ނަމަ މީދޫ ސާފުކުރަން ކުރެވޭ މަސައްކަތާއި އެ އަވަށުގެ ހިތްފަސޭހަކަން އަދި މިހާރަށް ވުރެ މާ ބޮޑަށް ވެސް ފެންނާނެ އެވެ.

"އެކަމަކު އުފާވެރި ޚަބަރަކީ ވަރަށް އަވަހަށް މުނިސިޕަލް އިތުރު މުވައްޒަފުން ވެސް ހަމަޖެހޭނެ ވާހަކަ މޭޔަރު [އަލީ ނިޒާރު] ވެސް ވިދާޅުވެފައި އޮތީމަ." އޭނާ ވިދާޅުވި އެވެ.

ސާލިހާ ފާހަގަކުރި ގޮތުގައި މީދު އަށް ޒިޔާރަތްކުރާ ވަރަށް ގިނަ މީހުން ބަޔަކު އެ އަވަށުގެ ސާފު ތާހިރުކަމާއި ހިތްފަސޭހަކަމުގެ ވާހަކަ ދައްކަ އެވެ.

"ވަރަށް ފަހުން އަޅުގަނޑު ފުވައްމުލަކަށް ކުރި ދަތުރެއްގައި އެ ރަށުން ދިމާވި އެހެން އަތޮޅެއްގެ މީހަކު ވެސް ބުނި މީދު އަށް ދިޔައިމަ އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ ރަށުގެ ސާފުތާހިރުކަމޭ. އެ ކަހަލަ ކޮމެންޓްތައް އައިމަ ވަރަށް އުފާވޭ،" އޭނަ ވިދާޅުވި އެވެ. "އެއީ ހަގީގަތުގައި މުޅި އަވަށަށް، ހުރިހާ ރައްޔިތުންނަށް ލިބޭ ރީތި ނަމެއް."

މީދު އަކީ ރަށްފެހިކުރަން ވެސް ވަރަށް ބޮޑަށް އިސްކަންދޭ އަވަށެކެވެ. އެގޮތުން ތަފާތު އެކި ބާވަތްބާވަތުގެ ގަސް އަބަދު ވެސް ރަށުތެރޭގައި އިންދަ އެވެ. މިކަމުގައި އަވަށުގެ ހުރިހާ ޖަމިއްޔާއަކުން ވެސް ބައިވެރިވެ އެވެ. އެގޮތުން ވަރަށް ފަހުން ވެސް މީދޫގެ ދަނޑުވެރިކަން ކުރާ ސަރަހައްދެއްގެ އަލަށް ހެދި މަގެއްގެ މެދުގައި އަނބުގަސްތަކެއް އިންދާފައިވެ އެވެ.

"އެ ގަސްތައް ހެދި ބޮޑެތިވީމަ އެ ވެސް ރަށަށް ލިބޭ އިތުރު ހިތްގައު ކަމަކަށް ވާނެ." ސާލިހާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ރަށްފެހިކުރަން ގަސްއިންދާ އިރު، ބޭނުންތެރިކަން ބޮޑު ބާވަތްތަކަށް އަބަދު ވެސް އިސްކަންދެ އެވެ. އެގޮތުން ރުކާއި ފަލަމަޑީގެ ބާވަތްތަކާއި މޭވާ ގަސްތަކަށް ވަރަށް ބޮޑު އިސްކަމެއް ދެ އެވެ.

"ދޭތެރެ ދޭތެރެއިން ގަސް އިންދުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ދާނެ. އަދި ރަށުގެ ހުރިހާ ޖަމިއްޔާތަކެއް ގުޅިގެން މުޅި އަވަށް އެއްކޮށް ސާފުކުރަން ބޮޑެތި ކްލީން އަޕް ޕްރޮގްރާމްތައް ވެސް މީދޫގައި ކުރިއަށް ދާނެ އަބަދު ވެސް. މިހާރު ވެސް އެފަދަ ޕްރޮގްރާމަކަށް މި އަންނަނީ ތައްޔާރުވަމުން."

މީދޫ މިހާރު ހަމަ ވަރަށް ނަލަ އެވެ. ވަރަށް ޗާލެވެ. އައްޑޫގެ އެހެން އަވަށްތަކުން މި ޗާލުކަމުގެ ނަމޫނާ އިން ފިލާވަޅު ލިބިގަންނަން ޖެހެ އެވެ.