Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

އައްޑޫ ނާސް ޝާކް ސެންކްޗްރީގައި މަސްވެރިކަން މަނާ!

"އައްޑޫ ނާސް ޝާކް ސެންކްޗްރީ" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި މަސްވެރިކަން ކުރުން މަނާކޮށްފި އެވެެ.

މޭޔަރު އަލީ ނިޒާރު ސޮއިކުރައްވައި މިއަދު ނެރުއްވި އިއުލާނެއްގައި ބުނީ "އައްޑޫ ނާސް ޝާކް ސެންކްޗްރީ" ގެ ގޮތުގައި ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދުން ފެށިގެން 100 ފޫޓްގެ ރޭޑިއަސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ހިމާޔަތްކުރަން ނިންމާފައިވާ ސަރަހައްދެއް ކަމަށެވެ.

އެހެންވެ އެ ސަރަހައްދުގައި ނާސް ޝާކް އާލާކުރުމުގެ މަސައްކަތް ކުރިއަށްދާތީ ހިމާޔަތްކުރަން ނިންމާފައިވާ ސަރަހައްދުން މަސްވެރިކަން ކުރުން މަނާ ކަމެއް ކަމަށް އަންގައި އިއުލާންކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނާސް ޝާކް ސެންކްޗްރީއެއް ހެދުމުގެ މައްސަލަ ކައުންސިލަށް ހުށަހެޅީ މީދޫ ކައުންސިލަރު އާމިނަތު ސާލިހާ އެވެ.

އޭނާ ވިދާޅުވީ ސަދަން މޯލްޑިވްސް ޑައިވާސްގެ ޓީމަކުން 2018 ވަނަ އަހަރު ކުރި އެކްސްކެވޭޝަން ޓުއާއެއްގައި ސްނޯކްލިން އާއި ޑައިވްކުރުމުގެ ތެރެއިން، ހުށަހެޅި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން ރަތްމަހާއި މާހުޅުނބު ލަނޑާގެ އިތުރުން ނާސް ޝާކް އާއި މިނޫން ވެސް ކަނޑުގެ އެކި ދިރުންތައް ފެނުމާއި ގުޅިގެން، ޑައިވަރުންގެ ތެރެއިން އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ މަސައްކަތް ކުރުމަށް އުފެއްދި ޓީމަކުން ފާއިތުވި ހަތަރު އަހަރުތެރޭ އެ ސަރަހައްދަށް ދަތުރުކޮށް، އެ ސަރަހައްދު ރިސާޗްކޮށް ސާވޭކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެ ސަރަހައްދުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑްކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ބެލުންތަކަށް އަލީގައި މި ސަރަހައްދު ވަށައިގެ 150-200 މީޓަރު ރޭޑިއަސްގެ ސަރަހައްދެއް ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައި ދެއްވުމަށް އެދެނީ އެ ސަރަހައްދަކީ އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ ގޮތުގައި ޕްރޮމޯޓްކޮށް ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ވަރަށް އެކަށީގެންވާ ސަރަހައްދަކަށްވާތީ ކަމަށް ސާލިހާ ވިދާޅުވެފައިވެ އެވެ. އަދި އެ ސަރަހައްދަކީ މީދޫން ފުރާއިގެން ލޯންޗްގައި 7 މިނެޓުން ދެވޭ އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދަކަށްވެފައި އެ ތަނަކީ މަސްވެރިކަމާއި އެހެނިހެން ބޭނުންތަކަށް ވެސް އެކި ފަރާތްތަކުން ބޭނުންކުރުން އެކަށީގެންވާ ސަރަހައްދެއް ކަމަށް ސާލިހާ ފާހަގަކުރައްވާފައިވެ އެވެ.