Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކްލިނިކެއް މާލެ އަށް

ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކްލިނިކެއް މިއަދު މާލޭގައި ހުޅުވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ އެތަނުން މއ. ޗަމްޕާވިލާގައި "ޓީޓީއެޗް ކްލިނިކް" ގެ ނަމުގައި ކުލިނިކެއް ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

ޓްރީ ޓޮޕުން ބުނީ އެ ކްލިނިކަކީ ފިޒިއޮތެރަޕީ އާއި ރިހެބިލިޓޭޝަން އަދި ކުޑަކުދިންނަށް ހާއްސަ ސްޕީޗް ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީގެ އިތުރުން ލެބޯޓްރީގެ ހިދުމަތްތައް ދޭނެ ތަނެެއް ކަމަށެވެ. އަދި އެ ތަނުގެ ލެބޯޓްރީން ޓްރީ ޓޮޕް ހޮސްޕިޓަލުން ހެއްދޭ ހުރިހާ ޓެސްޓްތަކެއް ހެއްދޭނެ އެވެ.

ސްޕޯޓްސް ތެރަޕީގެ ހިދުމަތް ވެސް "ޓީޓީއެޗް ކްލިނިކް" އިން ލިބޭނެ އެވެ.

ކްލިނިކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޓްރީ ޓޮޕްގެ ސީއީއޯ އާދިލް މޫސާ ވިދާޅުވީ ކްލިނިކެއް މާލޭގައި ހުޅުވީ ހިދުމަތް ހޯދާ ބަލިމީހުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

"ހުޅު ބަދަލުކުރުުން ފަދަ ބޮޑެތި އޮޕަރޭޝަން ކުރާ މީހުންނަށް ދަތި ކަމަކަށްވޭ ހޮސްޕިޓަލަށް ދިގު މުއްދަތަކަށް ތެރަޕީ ހޯދަން ދާނެ ޖެހުނީމަ،" އޭނަ ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެންގެ ހިދުމަތްތައް ހޯދާ ބަލިމީހުންނަށް ލުއިފަސޭހަ ގޮތެއް ހޯދާދީ އަޅުގަނޑުމެންގެ ހިދުމަތްތައް ވެސް އިތުރަށް ފުޅާކުރުމަށް ބޯޑުން މި ފަދަ ތަނެއް ހެދުމަށް ނިންމުމާ ގުޅިގެން އަޅުގަނޑުމެން މި ތަން މި ހުޅުވީ."