Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ކުނި މެނޭޖިން އަށް ވެމްކޯ އިންގިލާބީ ބަދަލެއް ގެންނާނެ

ވެމްކޯ އަކީ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކުންފުންޏެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ވެމްކޯގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ޝައުނާ ވިދާޅުވީ ވެމްކޯ އަކީ ކުނި މެނޭޖްކުރުމުގެ ޒަމާނީ އާލާތްތަކާ އެކު ފައްކާ ކުރެވެމުން އަންނަ އަދި ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކުންފުންޏެއް ކަމަށެވެ.

‎ރާއްޖޭގެ ރަށްރަށުގައި ފުނިޖެހިފައިވާ ކުނިތައް ނަގައި ރަށްރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަށް ފިލުވާލަދޭ ބަޔަކީ ވެމްކޯ ކަމަށާއި އެގޮތުން ޖުމްލަ 48 ރަށަކުން ކުނި ނަގައި މިހާރުވެސް ވެމްކޯ އިން ސާފުކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ. އޭގެތެރޭގައި ލެގަސީ ވޭސްޓް ކްލީންއަޕް ޕްރޮގްރާމްގެ ދަށުން ކުނީގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ 20 ރަށަކުން ގާތްގަނޑަކަށް 155400 ޓަނުގެ ކުނި ނަގައި ސާފުކުރެވިފައިވާ އިރު ސައުތް މާލެ އަތޮޅުގެ 8 ރަށަކުން ގާތްގަނޑަކަށް 5100 ޓަނުގެ ކުނި ސާފުކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

‎"ވެމްކޯއަކީ ހަމައެކަނި ކުނި ނަގައި ސާފުކުރުމުގެ މަސައްކަތްކުރާ ކުންފުންޏަކަށް ވުރެ ރައްކާތެރި ގޮތުގައި ކުނިމެނޭޖް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރާ، ފަންނީ ގޮތުންނާއި މާލީގޮތުން ގާބިލް ކުންފުންޏަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރަމުންދޭ." ޝައުނާ ވިދާޅުވި އެވެ.

‎ޝައުނާ ވަނީ ކުނި މެނޭޖް ކުރުމަށް ސަރުކާރުން ދޭ ބޮޑު އަހަމިއްޔަތާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ގޮތްތަކާއި އާދަތަށް ދިވެހިންގެ ކިބައިގައި އަށަގެންނެވުމަށް ވެމްކޯއިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފަ އެވެ.