Last Updated: April 26, 11:19
Friday, April 26, 2024
ދުނިޔެ

ކެނެޑާ ސަރުކާރުގައި ޓިކްޓޮކް މަނާކޮށްފި

ކެނެޑާގެ ސަރުކާރުގެ ތެރޭގައި ޓިކްޓޮކް މަނާކޮށްފި އެވެ.

އިއްޔެގެ މި ނިންމުމާ ގުޅިގެން ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް، ކެނެޑާގެ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ބޭނުންކުރާ އެއްވެސް ޑިވައިސްއެއްގައި ބޭނުން ކުރުން މަނާވާނެ އެވެ.

ކެނެޑާގެ ޗީފް އިންފޮނޭޝަން އޮފިސަރު ކެތެރީން ލުއެލޯ ވިދާޅުވީ ސަރުކާރުގެ ޑިވައިސްތަކުގައި ޓިކްޓިކް މަނާކުރީ އޭގެ ސަބަބުން ދިމާވެދާނެ ގައުމީ ނުރައްކަލަކަށްޓަކައި ކަމަށެވެ. އެގޮތުން ޓިކްޓޮކްގެ ޕްރައިވެސީ އާއި އޭގެ ރައްކާތެރިކަމާ ދޭތެރޭ ބޮޑެތި ސުވާލުތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ކެނެޑާގެ ސަރުކާރުގެ ތެރޭގައި ޓިކްޓޮކް މަނާކޮށްފައި ވަނީ ޔޫރަޕިއަން ކޮމިޝަނުން ވެސް އެފަދަ ނިންމުމެއް ނިންމިތާ ދުވަސްކޮޅެއް ފަހުންނެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވިދާޅުވީ ޓިކްޓޮކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެހެންވެ މިހާރު އެޕް ބޭނުން ކުރަން ރައްކާތެރި ނޫން ކަަމަށެވެ.

"އެއަށް އެބަ ޖެހޭ އިސްލާހީ ބަދަލުތަކެއް ގެންނަން. އަޅުގަނޑުމެންގެ ޕްރައިވެސީ އާއި ގައުމީ ސަލާމަތަށް ރައްކާތެރި ނޫން އެޕެއް ކަމަށް ޓިކްޓޮކް ބެލެވޭހާ ހިނދަކު ސަރުކާރުގެ ތެރޭގައި އެ އެޕް ބޭނުން ކުރަން ދެން ހުއްދައެއް ނުދެވޭނެ،" ހޯމަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި އޭނާ ވިދާޅުވި އެވެ. "ޓިކްޓޮކާ މެދު އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް ދިނީމަ އެ އެޕް ކުރިއެކޭ އެއްގޮތަށް ސަރުކާރުގެ ތެރޭގައި ބޭނުން ކުރެވިދާނެ."

ކެނެޑާ އިން އެޅި ފިޔަވަޅާ ގުޅިގެން ޓިކްޓޮކުން ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކް ނުރައްކަލަކަށްވާ ސާފު ސީދާ ސަބަބެއް ސާފުކޮށް ދީފައި ނުވާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށް ބުންޏެވެ. އެކަމަކު ޓިކްޓޮކް އޮތީ ކެނެޑާ ސަރުކާރާ އެކީ މަޝްވަރާކުރަން ތައްޔާރަށް ކަމަށް ބުންޏެވެ.

އެމެރިކާގެ ސަރުކާރުގެ ތެރޭގައި ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ޓިކްޓޮކް ބޭނުން ކުރުން މަނާކޮށްފައިވެ އެވެ. އަދި އެ ގައުމުން މަސައްކަތް ކުރަނީ އެ އެ އެޕަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ޓިކްޓޮކް އެމެރިކާގައި އެއްކޮށް މަނާކުރުމަށެވެ.