Last Updated: May 13, 11:55
Tuesday, May 13, 2025
ޚަބަރު

ހައްޖަށް ގެންދަން ގްރޫޕްތަކަށް ހުޅުވާލައިފި

މި އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދަން ގްރޫޕްތަކަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް ދޭން ނިންމާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ގްރޫޕްތަކަށް އަންނަ މަހުގެ 13 އާ ހަމައަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތި ދޭން ބާއްވާ ސެޝަނެއް ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިސްލާމިކް މިނިސްޓްރީގައި އޮންނާނެ އެވެ.

ހައްޖަށް މީހުން ގެންނަން ހުށަހަޅާ ގްރޫޕްތަކުން 10،000ރ. ގެ ފީއެއް ވެސް ދައްކަން ޖެހެ އެވެ. އެ ފީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 13 ގެ މެންދުރު 12:00 އާ ހަމައަށް ބަލައިގަންނާނެ އެވެ.

މި އަހަރު ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ދީފައި ވަނީ 1،000 ހައްޖު ކޯޓާ އެވެ. އެކަމަކު އެ އަދަދު އިތުރު ކުރެވޭތޯ މަސައްކަތްކުރެވެމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެފައިވެ އެވެ.

މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދަން އަމިއްލަ ކުންފުނިތަކަށް ވެސް ހުޅުވާލި އިރު، މިދިޔަ އަހަރު ރާއްޖޭން މީހުން ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަންޏެވެ. އަދި މިދިޔަ އަހަރު ލިބުނީ އެންމެ 453 ހައްޖު ކޯޓާ އެވެ.