Last Updated: March 26, 17:38
Sunday, March 26, 2023
ޚަބަރު

މަގުމަތީގައި ބަހައްޓާ ތަކެއްޗާ ހެދި މަގު ހަދަން ހުރަސް!

ހިތަދޫގެ މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ.

އައްޑޫގެ ހިތަދޫގެ ބައެއް މަގުތައް މަތީގައި ބަހައްޓާފައި ހުންނަ ތަކެއްޗާ ހެދި މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތްތަކަށް ހުރަސް އެޅެމުންދާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ވަނީ މި ސަބަބާ ހެދި ހުއްދަ ހޯދުމަކާ ނެގުމަކާ ނުލައި މަގުމަތީގައި ބަހައްޓާފައި ހުރި އެއްގަމު އުޅަނދާއި އުޅަނދުގައި ބައިތަކާއި އަދި އެހެނިހެން ތަކެތި ނަގަން ފަސް ދުވަހުގެ މުހުލަތެއް ވެސް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން އެ ތަކެތި ނުނަގައިފި ނަމަ ޢާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްލައިފައިވާ ތަކެތި ނެގުމާ ބެހޭ ޤަވާއިދާ އެއްގޮތަށް ކައުންސިލް އިދާރާ އިން ތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

ކައުންސިލުން ވަނީ ތަކެތި ބަހައްޓާފައި ހުރި ތިން މަގެއް ވެސް ފާހަގަކޮށްފަ އެވެ. އެއީ ހިތަދޫ ފަހިވާމަގު (ކޮށި ނަންބަރު: 208-241) އާއި ސިނާއީގޯޅި (ކޮށި ނަންބަރު: 226-227) އަދި ސިނާއީމަގު (ކޮށި ނަންބަރު: 209-243) އެވެ.

ކައުންސިލުން ބުނީ މި މަގުތަކަށް ނެރެފައި ހުންނަ ތަކެއްޗާ ހެދި މަގު ހެދުމުގެ މަޝްރޫއަށް ދަތިވެ، މަސައްކަތް ނުކުރެވި ދިގުލައިގެން ވެސް ދާ ކަމަށެވެ.

މީގެ ކުރިން ވެސް ކައުންސިލުން ވަނީ އަވަށްތަކުގެ މަގުތަކުގައި އާންމުން ބަހައްޓާފައި ހުންނަ ތަކެތި ނަގަން އަންގައިފަ އެވެ.