އަދާލަތު ޕާޓީގައި ހުރުމަކީ ދީނާއި ވެވޭ ހިޔާނާތެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ވިދާޅުވެއްޖެ އެވެ.
ނިޝާން ވިދާޅުވީ ޢަދާލަތު ޕާޓީއަށް ސޮއިކޮށްގެން ތިބި އޭނާގެ ނަޞޭޙަތް އަޑުއަހާ ޤަބޫލުކުރާ ކޮންމެ މުސްލިމް އަޚަކާއި އުޚްތަކު މިހާރުން މިހާރަށް އެޕާޓީއިން ވަކިވާން އެދޭ ކަމަށެވެ.
މިހާރު ޢަދާލަތު ޕާޓީއަކީ އިސްލާމްދީނަށް ނަޞްރުދީ ﷲގެ ޝަރީޢަތް މަތިވެރިކޮށް އަދި އިސްލާމްދީނުގެ ޢަދާވާތްތެރިންގެ އަޅުވެތިކަމުން މިދީބުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް މަސައްކަތް ކުރާ ބައެއްގެ ބަދަލުގައި، ޢަލްމާނީ ސެކިއުލަރ ފަރާތްތަކާ ގުޅި ބައިޢަތު ހިފައިގެން އެމީހުން އެގޮވައިލާ ލާދީނީ ފަލްސަފާއަށް ފާޅުގައި ވާގިދޭ ބައެއް ކަމަށް ނިޝާން ވިދާޅުވި އެވެ.
"މުޝްރިކުންނަކީ މުސްލިމުންނާއި އެންމެ ޢަދާވާތްތެރި ދެކޮޅުވެރި މީސްތަކުންކަމުގައާއި އެމީހުންނަކީ އައުލިޔާއިން ކަމުގައި (ގާތް އެކުވެރިން، މަދަދުގާރުން ކަމުގައި) ނުހެދުމަށް ކީރިތި ޤުރްއާނުގައި ވަޙީ ބާއްވައިލައްވައިފައި ވަނިކޮށް އިންޑިއާގެ މުޝްރިކު ސިފައިން މިއިސްލާމީ ދީބުގައި ތިބުމަށް ފާޅުގައި ގޮވައިލައި ވަކާލާތު ކުރާ ޕާޓީއެއްކަމުގައި ވުމާ އެކު، އިސްލާމްދީނަށް ނަޞްރުދިނުމުގެ ނަމުގައި އެޕާޓީގައި ތިބުމަކީ އެއްގޮތަކަށް ވެސް ހުއްދަވާނޭ ކަމެއް ނޫނެވެ." ނިޝާން ވިދާޅުވި އެވެ.
ނިޝާން ވަނީ ޢަދާލަތު ޕާޓީ އާއި އަދި މިނޫން ވެސް މިފަދަ އެއްވެސް ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ހުރުމަކީ އިސްލާމްދީނާއި މިދީބަށް ވެސް ވެވޭ ޚިޔާނާތެއް ކަމަށްވެސް ވިދާޅުވެފަ އެވެ.